ޚަބަރު

ޗެލްސީއާއެކު ހޭދަކުރި ދުވަސްތަކުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ: ޖިރޫ


ޗެލްސީއާއެކު ހޭދަ ކުރެވުނު ދުވަސްތައް މަތިން ދުވަހަކުވެސް ހަނދާން ނައްތާ ނުލެވޭނެކަމަށް ޗެލްސީ ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ބުނެފިއެވެ. ޗެލްސީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޖިރޫވަނީ މިއަންނަ ސިޒަނަށް ދެ މިލިއަން ޑޮލަރަށް އޭސީ މިލާނަށް ބަދަލުވެފައެވެ.

އިޓަލީގެ ގަދަ ބާރު، އޭސީ މިލާނަށް ބަދަލުވުމަށްފަހު ޖިރޫ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޗެލްސީގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން ކުލަބްގެ ހުރިހާ މެންބަރުން ކޮށްދެއްވި މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށާއި ޕްރިމިއަރ ލީގު ދޫކޮށް ސެރިއާއަށް ބަދަލުވުމަކީ އެހާ ފަސޭހަކަމެއްނޫންކަމަށެވެ. އަދި އޭސީ މިލާނާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް މަސައްކަތް ކުރާނެކަމަށާއި ޗެލްސީއެކޭ އެއްގޮތަށް އޭސީ މިލާނަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ޖިރޫ ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

އުމުރުން 34 އަހަރުގެ ޖިރޫ ވާނީ ޗެލްސީ ދޫކޮށް މިފަހަރު މިލާނާ ގުޅޭ ދެ ވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މިލާނުން ވަނީ ޗެލްސީގެ ޒުވާން ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ގަނެފައެވެ. މިދިޔަ ސީޒަނުގައި މިލާނަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނު އުމުރުން 23 އަހަރުގެ ޓޮމޯރީ ގަންނަން މިލާނުން 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.

ޖިރޫ، ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އެ ޓީމާ ގުޅުނީ ފަސް މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭނާ ވަނީ ޗެލްސީއާއެކު އެފްއޭ ކަޕާއި ޔޫރޮޕާ ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޖިރޫ ވަނީ ފްރާންސަށް ކުޅުނު 110 މެޗުން 46 ގޯލު ޖަހައިފައެވެ. އަދި އޭނާ އަކީ 2018 ވަނަ އަހަރު ފީފާ ވަރލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.