ޚަބަރު

13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިއްޖެ


މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ޓްރިވެންޑްރަމަށް ގެންދިޔައީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ޕްރިލިމިނަރީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެރިޕޯޓު ފޮނުވުމަށްޓަކައި ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވެއެވެ.

13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައް ވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދާދި ފަހުން ގެނައި އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލާވެސް ތަހުޤީގުގެ ބޭނުމަށް ޕޯސްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އެެހެންނަމަވެސް މި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދީ އެ ކުއްޖާގެ އާއިލާގެވެސް ރުހުމާއި އެކުއެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް 2 ދިވެއްސަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މިމަރާއި ގުޅޭ އަދި މިމައްސަލާގައި ހައްޔަރުކުރި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ދެމީހުންގެ ތެރެއިން 27 އަހަރުގެ މީހާގެ ތަހުޤީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް އެ ކުއްޖާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ. 13 އަހަރުގެ މި ކުއްޖާ މަރާލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުފުލިކަމަށް ޝައްކުކުރެވޭ ޓެކްސީއެއްވެސް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.

މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެކުއްޖާގެ މޫނު ވަކިނުކުރެވޭވަރަށް މޫނު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމަށްފަހު ކަމަށް އެނގިފައިވެއެވެ. އަދި އެކުއްޖާއަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށްވެސް އެެނގިފައިވެއެވެ.