ޚަބަރު

ނަޞްލީގޮތުން ދިމާކުރުމުން ޖަރުމަންވިލާތުގެ ޤައުމީ ޓީމު ދަނޑުން ފައިބައިފި


ނަޞްލީގޮތުން ދިމާކުރުމުން ޖަރުމަންވިލާރުގެ ޤައުމީ އޮލިންޕިކްސް ފުޓުބޯޅަ ޓީމު ދަނޑުން ފައިބައިފިއެވެ.

ޖަރުމަންވިލާތުގެ ޤައުމީ ޓީމުން ބުނީ އޮލިންޕިކްސަށް ތައްޔާރުވުމުގެ ގޮތުން ހޮންޑިޔުރަސްސާ ދެކޮޅަށް ޖުލައި މަހުގެ 17ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއް ކުޅުނުކަމަށާއި އެ މެޗުގައި ޖަރުމަންވިލާތަށް ކުޅުނު ސޯދަން ތޯނާރިގާއަށް ނަޞްލީގޮތުން ދިމާކޮށްފައިވާކަމަށެވެ. އަދި މެޗު ނިމެން ފަސް މިނެޓު އޮތްނަމަވެސް މެޗު ފުރިހަމަނުކޮށް ކުޅުންތެރިން ދަނޑުން ފޭބީކަމަށް ޖަރުމަންވިލާތުގެ ޤައުމީ ޓީމުން ބުނެފައިވެއެވެ.

ހޮންޑިޔުރަސްސާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ޖަރުމަންވިލާތުން ކުޅެފައިވަނީ އޮލިންޕިކްސްގައި ޖުލައި މަހުގެ 22ވަނަ ދުވަހު ބުރެޒިލުގެ ޤައުމީ ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށެވެ. އެ މެޗު ހުއްޓާލީ 1-1ން ނަތީޖާ އެއްވަރުވެފައިވަނިކޮށެވެ. އަދި އެ މެޗުގެ ކުޅުން ފުރިހަމަކޮށްފައެއް ނުވެއެވެ.

ޢުމުރުން 23 އަހަރުގެ ތޯނާރިގާއަކީ ޖަރުމަންވިލާތުގެ ހާތާ ބާލިންނަށް ކުޅޭ ކުޅުންތެރިޔެކެވެ. އޭނާއަކީ ނައިޖީރިޔާގެ ޤައުމީ ޓީމަށް ކުރިން ކުޅުނު އޮޖޮކޮޖޮގެ ދަރިފުޅެވެ.