ޚަބަރު

ޕާކިންގ ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


މާލޭގެ އެކި ސަރަޙައްދުތަކުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އެގޮތުން އަގުދީގެން ޕާކްކުރާ ޖާގަތަކަށް އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތަށް ހޯދުމުގައި މީހުންނަށް ދަތިތަކާކުރިމަތިވަމުންދާތީކަމަށެވެ. ޕާކިންގް ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގްތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީމަގު ހިމެނޭ ސަރަހައްދުގެ އިތުރަށް އާޓިފިޝަލް ބީޗް ޕާކިންއިން 24 ޖާގައާއި އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގަ ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ޕާކިން ޖާގަތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ސިޓީ ކައުންސިލުން ވަނީ އެތަނަށް ދައްކަން ޖެހޭ ކުލި 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައެވެ. ކުރިން ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 3000 ރުފިޔާއެވެ.

މާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި، ކުލީ ޕާކިންގ ޒޯންތައް ހަދާފައެވެ. ނަމަވެސް މި ތަންތަނުގައި ޕާކުކުރާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތުގައި ފޯރުކޮށްދެވެމުން ނާންނަކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މިއާއެކު ސިޓީ ކައުންސިލުން މިވަނީ ޓެކްސީ ޕާކުކުރުމަށް ކުއްޔަށް ނަގާފައިވާ ޕްލޮޓްތަކުގެ އަގު ކުރިއަށްވުރެ ހަތަރު ގުނަ ކުޑަކޮށްފައެވެ.

ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތަކާއި ދެ ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތަށް ތަރައްޤީ ކުރާ ބައެއް ތަންތަނުގައި ކުލި ދީގެން ޕާކްކުރަން ޖެހޭއިރު އަނެއްބައިތަންތަނަކީ ހިލޭ ޕާކް ކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ތަންތަނެވެ.