ޚަބަރު

ޤާނޫނުގެ ދަށުން އެކުލަވާލި ހަތަރު ޤަވާޢިދަކަށް ފުލުހުން އަމަލު ކުރަންފަށައިފި


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލަވަންޖެހޭ ހަތަރު ޤަވާޢިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަކީ ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި ތަންފީޛުކޮށް، އަމަން އާންމާއި ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރާއި އިޚްތިޔާރު ފުލުހުންނަށް ދީފައިވާ ޤާނޫނެކެވެ.

ފުލުހުންގެ ޤާނޫނުގެ ދަށުން އެކުލަވާލި ހަތަރު ޤަވާޢިދު ގެޒެޓް ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިހަތަރު ޤަވާޢިދަކީ ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ޤަވާޢިދަކާއި، ލިޔެކިޔުން ކްލެސިފައި ކުރުމުގެ ޤަވާޢިދަކާއި، ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ޤަވާޢިދެއްގެ އިތުރުން ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ޤަވާޢިދެވެ.

ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ޤަވާޢިދަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ދެވޭނެ ޗުއްޓީގެ ބާވަތްތަކާއި ޗުއްޓީގެ މުއްދަތާއި ސަލާމް ބުނުމާއި ސަލާމް ބުނެވޭނެ ހާލަތްތަކާއި ގޮތްތައް އަދި ޗުއްޓީގައި ހުންނަ މުއްދަތުގައި މުސާރައާއި، އެލަވަންސްތަކާއި، އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ޤަވާޢިދެވެ.

ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ދޫކުރުމާ ބެހޭ ޤަވާޢިދަކީ ފުލުހުންގެ ވަސީލަތްތަކާއި ސާމާނުތައް ބޭނުންކުރުމުގެ ހަމަތަކާއި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބެލެހެއްޓުމާއި އެތަކެތީގެ ބޭނުން ހިފުމާ ގުޅޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދެވެ.

ރަސްމީ ލިޔުންތައް ކްލެސިފައި ކުރުމުގެ ޤަވާޢިދަކީ ފުލުހުން ބޭނުންކުރަމުންދާ ލިޔެކިޔުމާއި ތަކެއްޗާއި ތަންތަނާއި އާލާތްތައް ކްލެސިފައިކޮށް ބޭނުންކުރުމުގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައަޅައިދޭ ޤަވާޢިދެވެ. އަދި ރަސްމީ ލިޔުންތައް ކަނޑައެޅުމާއި ލިޔުންތައް ގިންތި ކުރުމާއެކު އެފަދަ މައުލޫމާތު ސިއްރުކުރުމާއި އަދި ހާމަކުރެވޭނެ މިންގަނޑުތައް ވެސް މިޤަވާޢިދުގައި ކަނޑައަޅައިދެ އެވެ.

ފުލުހުންނަށް ތަމްރީނު ދިނުމާ ބެހޭ ޤަވާޢިދަކީ ތަމްރީންގެ ސިޔާސަތުތަކާއި، އުސޫލީ މިންގަނޑާއި، ކިޔަވައިދޭ މީހުންގެ ޝަރުތުތަކާއި، ފުލުހުންގެ ތަމްރީން މަރުކަޒުތައް ގާއިމުކުރުމާ ބެހޭ ޤަވާޢިދެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރެއްވި ޤާނޫނެެކެވެ.

މި ޤާނޫނަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ޤާނޫނު އަސާސީއާއި، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ޙުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމަށް ވުޖޫދަށް ގެނެސްފައިވާ ޤާނޫނެކެވެ.

ފުލުހުންގެ ޚިދުމަތުގެ މިޤާނޫނަކީ، ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެކުލަވާލެވި އަމަލުކުރަން ފަށާފައިވާ ޤާނޫނެކެވެ.