ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި މާސްޓަރކާޑު ދޫކުރުން މަނާކޮށްފި

މާސްޓަރ ކާޑުގެ އިންޑިއާގައި ދޫކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.

އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާރވް ބޭންކް އޮފް އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ މާސްކާޑުން ޑާޓާތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފުވެފައިވާކަމަށް ބުނެއެވެ.

ސެންޓްރަލް ބޭންކުން ބުނާގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނިކަމަށްވާ، މާސްޓާރކާޑުން ވަނީ 2018 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ޑާޓާ ރައްކާތެރިކުރުމުގެ ޤަވާއިދާއި ހިލާފުވެފައެވެ.

މި ފިޔަވަޅާއެކު މިމަހުގެ 22 އިން ފެށިގެން މާސްޓަރކާޑުން ދޫކުރާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތައް ދޫކުރުން އިންޑިއާގައި މަނާކުރާނެއެވެ. މި ނިންމުމުގެ ސަބަބުން އިންޑިއާގައި ވިޔަފާރިތައް ކުރުމުގެ އަގުބޮޑުވެގެންދާނެކަމަށް ބުނެ އެމެރިކާގެ ކާޑު ޚިދުމަތްދޭ އެހެން ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާރްބީއައިގެ މި ނިންމުމުން މާސްޓަރކާޑު މިހާރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ގެއްލުމަކާއި ކުރިމަތިލާން ނުޖެހޭނެކަމަށް ބޭންކުން ބުނެއެވެ. ނަމަވެސް ވިޔަފާރިތަކުން ޖެހޭނީ ވާދަވެރި އެހެން ނެޓްވޯކްތައް ކަމަށްވާ ވިސާ ފަދަ ކާޑުގެ ޚިދުމަތްދޭ އެހެނިހެން ނެޓްވޯކްތަކާއިއެކު އަލުން ކޮމާޝަލް އެއްބަސްވުންތަކުގައި ސޮއިކުރަންކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިއީ ވަރަށް ދިގު މުއްދަތެއް ހޭދަވާނެ ކަމެއްކަމަށްވެސް މާހިރުން ވިދާޅުވެއެވެ.

އިންޑިއާގެ 33 އިންސައްތަ މީހުން މިދިޔަ އަހަރު ވަނީ މާސްޓަރކާޑު ބޭނުންކޮށްފައެވެ. ނަމަވެސް އިންޑިއާގައި މާސްޓަރ ކާޑު މިހާރު ބޭނުންކުރާ މީހުންގެ ޢަދަދު އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މާސްޓަރކާޑުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އެ ކުންފުނިން އިންޑިއާގެ ސެންޓްރަލް ބޭންކާއެކު ވަރަށް ގާތުން މަސައްކަތްކޮށްފައިކަމަށާއި އަދި ބޭންކުން އެދޭ ހުރިހާކަމެއްވެސް ފުރިހަމައަށް ކޮށްދެވޭތޯ ބަލާފައިވާކަމަށްވެސް މާސްޓަރކާޑުން ބުނެއެވެ. އަދިވެސް އެކުންފުނިން އޮތީ ބޭންކާއިއެކު ކުރިއަށްދާންކަމަށާއި ބޭންކުން ބޭނުންވާ ހުރިހާ ތަފްޞީލެއްވެސް ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް މާސްޓަރކާޑުން ބުނެއެވެ.

މާސްޓަރކާޑުގެ ޚިދުމަތް އިންޑިއާގައި ފުޅާކުރުމުގެގޮތުން ކުރިއަށްއޮތް 5 އަހަރު ދުވަހުގެ މުއްދަތަށް އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް އިންޑިއާގައި ކުރާނެކަމަށް 2019 ވަނަ އަހަރު އެ ކުންފުނިން ވަނީ އިޢުލާންވެސްކޮށްފައެވެ.
ޑާޓާ ރައްކާތެރިކުރުމުގެ ޤަވާއިދާއި ޚިލާފުވާކަމަށް ބުނެ މިއަހަރުގެ ކުރީކޮޅު އެމެރިކަން އެކްސްޕްރެސް އަދި ޑައިނާރސް ކްލަބުގެ ކާޑުތައް ދޫކުރުންވެސް ވަނީ އިންޑިއާއިން ވަނީ މަނާކޮށްފައެވެ.