ޚަބަރު

ޖޮކޮވިޗް އޮލިމްޕިކްސްގައި ވާދަކުރަން ނިންމައިފި


ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އޮލިމްޕިކްސްގައި ވާދަކުރާނެކަމަށް ބުނެފިއެވެ.

އަންނަ ހަފުތާގައި ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ޓެނިސް އިވެންޓުގައި އުމުރުން 34 އަހަރުގެ ޖޮކޮވިޗް އެންމެ ފުރަތަމަ ޖަޕާނަށް ދިޔުމާމެދު ހުރީ ދެ ވިސްނުމެއްގައެވެ. އެއީ މިހާރު މުދި ދުނިޔޭގައިވެސް ފެތުރެމުންދާ ކޯވިޑް-19އާއި ގުޅިގެން، ޖަޕާންގައި ބަލި ކޮންޓްރޯލްވުމެއްނެތި ފެތުރެމުންދާތީއެވެ. ނަމަވެސް ޖޮކޮވިޗްވަނީ ސަރބިއާގެ ޓީމާއެކު އޮލިމްޕިކްސްގައި ބައިވެރިވާނެކަން ޓުވީޓެއް މެދުވެރިކޮށް ހާމަކޮށްފައެވެ. ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ޓުވީޓުކޮށްފައިވަނީ ޓޯކިޔޯއަށް ދާން ފްލައިޓް ބުކްކޮށްފިކަމަށް ބުނެއެވެ.

ނޮވަކް ޖޮކޮވިޗް މިފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރަން ނިންމާފައިވާއިރު މިވަގުތު އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިމަހުގެ ކުރީކޮޅު ނިމުނު ވިމްބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށް ޖޮކޮވިޗްވަނީ ތާރީޚުން ޖާގަހޯދާފައެވެ. އެއީ ސްވިޒަލެންޑްގެ ރޮޖަރ ފެޑެރަރއާއި ސްޕެއިނުގެ ރަފައެލް ނަދާލްއާއި އެއްވަރަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެންނެވެ. މިއަހަރު ތިން ގްރޭންޑް ސްލޭމް މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ ޖޮކޮވިޗްއެވެ. އެއީ ފްރެންޗް އޯޕަންއާއި އޮސްޓްރޭލިއަން އޯޕަންއެވެ. އޭނާއަކީ ފަހުގެ ތާރީޚެއްގައި އެއް އަހަރެއްގެ ތަރޭގައި ތިން މުބާރާތް ކާމިޔާބުކުރި ފަސްވަނަ ކުޅުންތެރިޔާއެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި މިފަހަރު މަޝްހޫރު ބައެއް ޓެނިސް ކުޅުންތެރިން ނުފެންނާނެއެވެ. ފެޑެރަރ އާއި ނަދާލް އަނިޔާގެ ސަބަބުން ނުކުޅޭއިރު، ޔޮހާނާ ކޮންޓަސްއާއި ޑޭން އެވަންސްވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެ، މުބާރާތް ގެއްލިފައެވެ. އަދި ސެރީނާ ވިލިއަމްސްވެސް މިފަހަރުގެ މުބާރާތުގައި ނުފެންނާނެއެވެ.

އޮލިމްޕިކްސްގައި މިހާތަނަށް ޖޮކޮވިޗަށް މާ ރަނގަޅު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާއަށް 2008ވަނަ އަހަރު ބެއިޖިންގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވަނީ ލޯ މެޑަލެއް ލިބިފައެވެ. މިމަހުގެ 23ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގައި ޓެނިސް އިވެންޓްތައް ފަށާނީ 24ވަނަ ދުވަހުއެވެ.