ވިޔަފާރި

ޑިމާންޑު ބޮޑުވެ، ފްލައިދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި


މިދުވަސްވަރު ޑިމާންޑު ރަނގަޅުވުމުން ފްލައި ދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ފްލައިދުބާއީން ރާއްޖެއަށް މިހާރު ކުރަމުންދަނީ ހަފްތާއަކުު 12 ދަތުރެވެ. ނަމަވެސް ދަތުރުތަކުގެ އަދަދު ހަފްތާއަކު 21 ފްލައިޓަށް އިތުރުކޮށް، ދުވާލަކު 3 ދަތުރު ބޭއްވުމަށް ފްލައިދުބާއީން ވަނީ ހަމަޖައްސާފައެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ފަހުކޮޅުއެވެ. އޭރު ރާއްޖެއަށް ބާއްވަމުން އައިސްފައިވަނީ ހަފްތާއަކު ހަތަރު ދަތުރެވެ. އެއަށްފަހު ރާއްޖެއަށް ބާއްވާ ދަތުރުތައް ދަނީ އިތުރު ކުރަމުންނެވެ.

ފްލައިދުބާއީން ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ފްލައިދުބާއީއަކީ އެމިރޭޓްސްއާއި ކޯޑް ޝެއަރކުރާ އެއަރލައިންއެކެވެ. އަދި ދުބާއީއަކީ ދަތުރުފަތުރުގެ ހަބަކަށްވުމުން ދުނިޔޭގެ 185 ޤައުމަކާއި ގުޅާލަދެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ފްލައިދުބާއީގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އިނަރ މޯލްޑިވްސްގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވީ ފްލައިދުބާއީން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ މިދުވަސްވަރު ރާއްޖެއަށް ރަނގަޅު ޑިމާންޑެއް އޮތުމުން ކަމަށެވެ. އަދި އާއްމުގޮތެއްގައި ފްލައި ދުބާއީގެ ފްލައިޓްތަކުގައި ރާއްޖެ އަންނަނީ އިރުމަތީ ޔޫރަޕް އަދި މެދު އިރުމަތީގެ ޤައުމުތަކުގެ ފަތުުރުވެރިންކަމަށް ފިރާޤް ވިދާޅުވިއެވެ.

ފިރާޤު ފާހަގަކުރެއްވި ގޮތުގައި ގިނަ އަދަދެއްގެ ދިވެހިންވެސް މި ދުވަސްވަރު ރާއްޖެއިން ބޭރަށް ދަނީ ދަތުރުކުރަމުންނެވެ. އެގޮތުން ދިވެހިންނަށް ޙާއްސަކޮށްގެން ބެގޭޖް އެލަވަންސް ބޮޑު ފެއަރތަކެއްވެސް ތައާރަފްކޮށްފައިވާކަމަށް ފިރާޤު ވިދާޅުވިއެވެ.

ފްލައިދުބާއީން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރަނީ ބޮއިންގ 800 - 737 މަރުކައިގެ، 184 ގޮނޑީގެ މަތިންދާ ބޯޓެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 32 އެއަރލައިންއަކުންނެވެ. އޭގެ ތެރޭގައި ޗާޓަރ ދަތުރުތައް ބާއްވާ 10 އެއަރލައިނެއްވެސް ހިމެނެއެވެ.