މުނިފޫހިފިލުވުން

ޒީ ޓީވީ ގެ "ތުޖުސެހެ ރާބަތާ" ނިންމާލަނީ


3 އަހަރަށްފަހު ޒީ ޓީވީން ދައްކާ "ތުޖުސެހެ ރާބަތާ" ޑްރާމާ ސީރީޒް މިމަހު ނިންލާނެ ކަމަށް ޒީ އިން ބުނެފިއެވެ.

ޝެހްބާން ޢާޒިމް އަދި ރީމް ޝެއިޙް ލީޑް ރޯލުން ފެނިގެންދަނީ ދޮންމަންމައަކާއި އޮންނަ ޚާއްޞަ ގުޅުމާއި މަޖްބޫރުން ކުރެވޭ ކައިވެންޏަކުން ދެމީހުން ފަހުން ލޯބިވެވި ދިމާވާ ހާދިސާތަކެވެ.

ސީރީޒް ނިންމާލަން އުޅޭއިރު ލީޑް ރޯލުން ފެންނަ ޝެޙްބާން ބުނިގޮތުގައި ޕޮލިސް އޮފިސަރެއްގެ އިތުރުން ތަފާތު އެހެން ރޯލުތަކެއްވެސް މި ސީރީޒްގައި ކުޅެން ލިބުމުން މިއީ ވަރަށް ހިތްގައިމު ޝައުޤުވެރިކުރުވި ކަމެއްކަމަށެވެ. މީގެއިތުރުން ޝޫޓިންތަކާއި ސީރީޒްގެ މުޅި ޓީމް މަތިންވެސް ވަރަށް ހަނދާންވާނެކަމަށް ޝެޙްބާން ބުނެއެވެ. ގިނަ ވެބްސީރީޒް ތަކަކުން މީގެކުރިން އޮފަރ ލިބުނު ނަމަވެސް އޭނަ ބޭނުންވީ މި ޝޯއާއެކު ކުރިއަށްދާންކަމަށްވެސް ޝެޙްބާން ވަނީ ބުނެފައެވެ.

2018 ވަނަ އަހަރު ޒީ ޓީވީން ދައްކަންފެށި ރޮމޭންޓިކް ޑްރާމާ ސީރީޒްގެ 706 އެޕިސޯޑް ވަނީ މިހާތަނަށް ދައްކާފައެވެ.