ރިޕޯޓް

މިދިޔަ ގަރުނު ޙައްޖު ޚުޠުބާ ދެއްވުމުގައި އެންމެ 10 ހަތީބުން

ޙައްޖަތުލް ވަދާޢުގައި ކީރިތި ރަސޫލުﷲ صلى اللّه عليه وسلم ދެއްވި ޚުޠުބާގައި ﷲގެ ފޮތާއި އެކަލޭގެ ފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުއްމަތަށް އަމުރުކުރެވިއެވެ. އެދުވަހު ނަމީރާގައި ހުންނަވާ ރަސޫލުﷲ صلى اللّه عليه وسلم ދެއްވި ޚުޠުބާގައި އެކަލޭގެފާނުގެ އުއްމަތަށް މުހިއްމު އިރުޝާދުތަކެއް ދެއްވިއެވެ.

ޙައްޖުދުވަސް ނުވަތަ އަރަފާތު ދުވަހުގެ ޚުޠުބާއަކީ އެތައް މިލިއަން މުސްލިމުންނެއް އެ ވަގުތަކަށް ސަމާލުކަން ދޭ ވަގުތެކެވެ. އެ ޚުޠުބާގައި ގެނެސްދޭ މިސާލުތަކާއި އިރުޝާދުތަކާއި ނަސޭހަތްތަކަކީ މުޅި އިސްލާމީ އުއްމަތް އެކަމަށް އިންތިޒާރުކުރާކަމަކެވެ. މި ސަބަބަށްޓަކައި ކޮންމެ އަހަރެއްގެވެސް ޙައްޖު ޚުޠުބާ ދިނުމަށް ދީނީ އިލްވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަތީބުން ސައުދީން ސަރުކާރުން ކަނޑައަޅަނީ އެތައްކަމަށް ބެލުމަށްފަހުއެވެ.

މި ލިޔުމުގައި މި ބަލާލާނީ މިދިޔަ ގަރުނުގެ ތެރޭގައި އަރަފާތުގެ ޚުޠުބާ ދެއްވި ހަތީބުންނަށެވެ.

ޝެއިޚް މުހައްމަދު ބިން އަބްދުލްލަތީފް ބިން އަބްދުލްރަހްމާން އަލްޝައިޚް ( ހިޖްރައިން 1343 )

ޝެއިޚް މުހައްމަދު ބިން އަބްދުލްލަތީފަކީ ސައުދީގެ ރަސްކަމުގައި އެންމެ ފުރަތަމަ އަރަފާތު ޚުޠުބާ ދެއްވި ހަތީބެވެ.

ދުނިޔޭގެ އަލިކަން ދެކެވެޑައިގަތީ ހިޖްރީގޮތުން 1237 ވަނަ އަހަރު ސައުދީގެ ވެރިރަށް ރިޔާދުގައެވެ. ވަރަށް ޒުވާން އުމުރުގައި ޝެއިޚް ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައެވެ. އަދި ހަދީސާއި އަރަބިކް ސައިންސުން ކުރި ހޯއްދަވާ ޒުވާން އުމުރުގައި ދުވަސްވަރުގެ އެންމެ ކުރިއަރާފައިވާ ދީނީ އިލްމުވެރިންގެ ތެރޭގައި އެމަނިކުފާނުން ހިމެނިވަޑައިގަތެވެ.

އިސްލާމީ ޝަރީޢާ ދެނެވަޑައިގެން ހުންނެވި ޝެއިޚް މުހައްމަދު ބިން އަބްދުލްލަތީފް ފުރަތަމަ އައްޔަންކުރެއްވީ ރިޔާދުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. އަރަފާތު ދުވަހު ޙައްޖު ޚުޠުބާ ވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިގަތުމުގެ ކުރިން ޝެއިޚް މުހައްމަދު ބިން އަބްދުލްލަތީފް ވަނީ އިމާމުވެ ޙަރަމްފުޅުގައި އެތައް ހުކުރެއް ކުރައްވާފައެވެ.

ޝެއިޚް ވަނީ ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ. އަދި މި ފޮތްތައް ހިމަނާ ޝެއިޚް ވަނީ އަމިއްލަ ގެކޮޅުގައި ލައިބްރެރީއެއް ހައްދަވާ އާއްމުކޮށް ހުޅުވާލާފައެވެ.. ހިޖްރީ އަހަރުން 1367 ވަނަ އަހަރު ޝެއިޚް އަވަހާރަވަންދެން މިތަން އެތައް ދަރިވަރުންނެއް ދިޔައީ ބޭނުންކުރަމުންނެވެ. ޝެއިޚް މުހައްމަދު ބިން އަބްދުލްލަތީފް އަވަހާރަވިއިރު އުމުރުފުޅަކީ 94 އަހަރެވެ.

ޝެއިޚް އަބްދުﷲ ބިން ހަސަން ބިން ހުސެއިން އަލްޝެއިޚް ( ހިޖްރައިން 1344 - 1376 )

ޝެއިޚް އަބްދުﷲ ބިން ހަސަން ބިން ހުސެއިން އަލްޝެއިޚް ވަނީ 32 އަހަރު ވަންދެން އަރަފާތު ދުވަހު އިމާމުވެ ޚުޠުބާ ދެއްވާފައެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރީ އަހަރުން 1287 ވަނަ އަހަރު ސައުދީގެ ވެރިރަށް ރިޔާދުގައެވެ. އުމުރުފުޅުން 10 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރައްވާ 15 އަހަރުގައި ޝެއިޚް އަބްދުﷲ ބިން ހަސަން ވަނީ ބޮޑެތި މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރަން ފައްޓަވާފައެވެ.

ޝެއިޚް އަބްދުﷲ ބިން ހަސަން ބިން ހުސެއިން އަލްޝެއިހް ފުރަތަމަ އައްޔަންކުރެއްވީ ފަނޑިޔާރެއްގެ ގޮތުގައެވެ. އަދި އެއަށްފަހު ސިފައިންގެ އިމާމެއްގެ ގޮތުގައި އައްޔަންކުރައްވާ ރަސްގެފާނުގެ ހާއްސަ މުޝީރެއްގެ ގޮތުގައިވެސް ވަނީ އައްޔަންކުރައްވާފައެވެ. އޭގެ ފަހުން ހިޖްރައިން 1344 ވަނަ އަހަރު ޝެއިޚް ވަނީ މަސްޖިދުލް ޙަރަމްގެ އިމާމަކަށް ހަމަޖައްސަވާ މިސްކިތުގެ މުދައްރިސެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

32 އަހަރު އަރަފާތު ދުވަހުގެ ޚުޠުބާ ދެއްވި ޝެއިޚް ވަނީ ހިޖްރައިން 1346 ވަނަ އަހަރު ސައުދީގެ ޗީފް ޖަޖަކަށް ސަރުކާރުން އައްޔަންވެސް ކުރައްވާފައެވެ. ޝެއިޚް އަބްދުﷲ ބިން ހަސަން އަވަހާރަވީ ހިޖްރައިން 1378 ވަނަ އަހަރުއެވެ. އޭރު އުމުރުފުޅަކީ 91 އަހަރެވެ.

ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ ބިން ހަސަން އަލްޝެއިޚް ( ހިޖްރައިން 1377 - 1401 )

ސައުދީ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަރަފާތު ދުވަހު އިމާމުވެ ޚުޠުބާ ދެއްވި ފުރަތަމަ ހަތީބަކީ ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ ބިން ހަސަން އަލްޝެއިޚްއެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރައިން 1336 ވަނަ އަހަރުއެވެ. ޝެއިޚް އަބްދުލްއަޒީޒް ވަނީ ވަރަށް ޅައުމުރުގައި ޤުރުއާން ލިޔެ ހިތުދަސްކުރައްވާފައެވެ. އެމަނިކުފާނު ވަނީ މައްކާގެ ސައިންޓިފިކް އިންސްޓިއުޓުން ތައުލީމު ހާސިލުކުރެއްވުމަށްފަހު މިސްރުގެ އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

ހިޖްރައިން 1344 އިން ފެށިގެން 1376 ވަނަ އަހަރާއި ހަމައަށް އަރަފާތު ދުވަހު އިމާމުވެ ޚުޠުބާ ދެއްވި ޝެއިޚް އަބްދުﷲ ބިން ހަސަން އަކީ ޝެއިހް އަބްދުލްއަޒީޒްގެ ބައްޕާފުޅެވެ. ބައްޕާފުޅަށްފަހު ޖެހިގެން އައި އަހަރު 1377 ވަނަ އަހަރުން ފެށިގެން 1401 ވަނަ އަހަރާއި ހަމައަށް އަރަފާތު ޚުޠުބާ ދެއްވީ ޝެއިޚް އަބްދުލްއަޒީޒްއެވެ.

ހިޖްރައިން 1381 ވަނަ އަހަރު ސައުދީ ތައުލީމީ ވަޒީރުކަންވެސް ކުރެއްވި ޝެއިޚް އަބްދުލްއަޒީޒަކީ އެޤައުމަށް ޒަމާނީ ތައުލީމީ ނިޒާމް ތައާރަފުކުރެއްވި ބާނީއެވެ. އުމުރުން 94 އަހަރުފުޅުގައި ޝެއިޚް އަބްދުލްއަޒީޒް އަވަހަރަވީ ހިޖްރައިން 1410 ވަނަ އަހަރުއެވެ.

ޝެއިޚް ސާލިހް ބިން މުހައްމަދު އަލް ލުހައިދާން ( ހިޖްރައިން 1399 )

އެންމެ އަހަރަކު ޙައްޖު ހުތުބާ ދެއްވި ނަމަވެސް މި ޝެއިޙްގެ ނަނަން ވަނީ ސައުދީގެ ތާރީހުގައި ރަން އަކުރުން ލިޔެވިފައެވެ. ސަބަބަކީ ޝެއިޚް ސާލިހް ބިން މުހައްމަދު އަލް ލުހައިދާން އިމާމުވެ އަރަފާތު ދުވަހު ދެއްވި ޚުޠުބާ ތާރީހީ ޚުޠުބާއަކަށް ވުމުންނެވެ. އެ ޚުޠުބާ ވެގެންގޮސްފައިވަނީ އިންޓަރނެޓް މެދުވެރިކޮށް އެންމެ ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ތަކުރާރުކޮށް އަޑުއެހި ޚުޠުބާއަށެވެ.

ސައުދީ ޖުޑީޝަރީގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ޝެއިޚް ސާލިހް ވަނީ ސައުދީގެ ޖުޑީޝަލް ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައެވެ.

ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލްޝެއިހް ( ހިޖްރައިން 1402 - 1436 )

އަރަފާތުދުވަހު ޚުޠުބާ ދެއްވި ހަތީބުންގެ ތެރެއިން މި ޖީލުގެ އެންމެ ގިނަ ބަޔަކަށް އެގޭނެ އެއް ބޭފުޅަކީ ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލްޝެއިޚްއެވެ. ޝެއިޚް ވެގެން ގޮސްފައިވަނީ މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ޙައްޖު ޚުޠުބާ ވިދާޅުވި ބޭފުޅާއަށެވެ.

ހިޖްރައިން 1361 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލްޝެއިޚް ވަނީ އުމުރުފުޅުން އެންމެ 12 އަހަރުގައި ޤުރުއާން ހިތުދަސްކުރައްވާ ޙާފިޡުކަމުގެ ޝަރަފު ހޯއްދަވާފައެވެ.. އިސްލާމީ ޝަރީޢާއިން ކިޔަވާ ވިދާޅުވި ޝެއިޚް ވަނީ ސައުދީގެ އެތައް ކޮލެޖެއްގައި އިސް
މުދައްރިސެއްގެ ގޮތުގައި ކިޔަވާދެއްވަވާފައެވެ. އަދި އެމަނިކުފާނު ވަނީ އިސްލާމީ ޝަރީޢާއިން ޕީއެޗްޑީ ހާސިލުކުރެއްވި އެތައް ޑޮކްޓަރޭޓުންގެ ތީސީސް ސުޕަވައިޒުވެސް ކުރައްވާފައެވެ.

1402 ވަނަ އަހަރު ނަމީރާ މިސްކިތުގެ އިމާމުގެ ގޮތުގައި އައްޔަންކުރެއްވި ޝެއިޚް އަބްދުލްއަޒީޒް ބިން އަބްދުﷲ އަލްޝެއިޚް ވަނީ ވިދިވިދިގެން 34 އަހަރު ވަންދެން ޙައްޖު ޚުޠުބާ ދެއްވާފައެވެ.

ޝެއިޚް ޢަބްދުއްރަޙްމާން އިބްނު ޢަބްދުލްޢަޒީޒް އައްސުދައިސް ( ހިޖްރައިން 1437 )

ޝެއިޚް ސުދައިސްގެ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 1961 ވަނައަހަރު ސަޢުދީ ޢަރަބިޔާގެ ޤަސީމަށެވެ. ތައުލީމީ ހަޔާތް ފެއްޓެވީ ވެރިރަށް ރިޔާޟްގައެވެ. ޝެއިޚް ސުދައިސް މަތީ ތައުލީމް ހާސިލުކުރެއްވީ މައްކާގެ އުމް އަލް ޤުރާ ޔުނިވާސިޓީންނެވެ. 1982 ވަނަ އަހަރު އިސްލާމީ ޝަރީޢާ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާ 1995 ވަނަ އަހަރު ވަނީ ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

އުމުރުފުޅުން އެންމެ 12 އަހަރުފުޅުގައި އެމަނިކުފާނު ޤުރްއާން ހިތު ދަސްކުރެއްވީ ޝެއިޚް ޢަބްދުއްރަޙްމާން އަލް ފިރްޔާންގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ 10 އަހަރު ފަހުން 1984 ވަނަ އަހަރުގައި އުމުރުފުޅުން 22 އަހަރުފުޅުގައި މަސްޖިދުލް ޚަރަމްގެ އިމާމަކަށް ވެޑައިގެން ޒުވާން އުމުރުފުޅުގައި ޙަރަމްފުޅުގައި އިމާމްވެ ހުކުރު ކުރެއްވެވުމުގެ ޝަރަފް ހޯއްދެވިއެވެ.

ޙަރަމްފުޅުގެ އެންމެ އިސް އިމާމް އަދި ހަތީބުކަންވެސް ކުރައްވަމުން އަންނަ ޑރ ސުދައިސް ދެ ޙަރަމްފުޅު ބެލެހެއްޓެވުމުގެ މުއައްސަސާގެ ވެރިޔަކަށް އައްޔަންކުރައްވާފައިވަނީ ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިންނެވެ.

ޝެއިޚް ޑރ. ސާދު ބިން ނަސީރު އަލް ޝާތްރީ ( ހިޖްރައިން 1438 )

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރައިން 1387 ވަނަ އަހަރުއެވެ. ޝެއިޚް ޑރ. ސާދު ބިން ނަސީރު އަލް ޝާތްރީ ވަނީ ހިޖްރައިން 1417 ވަނަ އަހަރު އިސްލާމީ ޝަރީޢާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

ހަދީސާއި އެނޫންވެސް ދާއިރާތަކުން 60 ވުރެ ގިނަ ފޮތްތައް ލިޔުއްވާފައިވާ ޝެއިޚް ގެންދަވަނީ ސައުދީ ރޯޔަލް ކޯޓްގެ ކޮންސަލްޓެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންނެވެ. މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ.

ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްހެ ހާއްސަ ޤަރާރަކުން އަލް ސައުދު، ޑރ. ސާދު ޙައްޖު ޚުޠުބާ ދެއްވުމަށް އައްޔަންކުރެއްވީ 1438 ވަނަ އަހަރުއެވެ.

ޝެއިޚް ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އަލްޝެއިހް (ހިޖްރައިން 1439 )

ޝެއިޚް ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އަލްޝެއިޚް ވެވަޑައިގެންފައިވަނީ މަސްޖިދުއް ނަބަވީގެ އިމާމުންގެ ތެރެއިން ޙައްޖު ޚުޠުބާ ދެއްވުމުގެ ފުރުސަތު ފުރަތަމަ ލިބިވަޑައިގެންނެވި އިމާމަށެވެ.

ޝެއިޚް ޑރ. ހުސެއިން ބިން އަބްދުލްއަޒީޒް އަލްޝެއިހް ވަނީ އިސްލާމީ ޝަރީޢާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކިޔަވާ ވިދާޅުވި ކޮލެޖްތަކުން އެންމެ މަތިން މާކްސް ހޯއްދެވި ދަރިވަރުންގެ ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އެމަނިކުފާނުގެ ނަން ހިމެނިވަޑައިގަތެވެ.

ހިޖްރައިން 1418 ވަނަ އަހަރު ރަސްގެފާނުގެ ޤަރާރަކުން ނަބަވީ މިސްކިތުގެ އިމާމެއްގެ ގޮތުގައި އައްޔަންކުރެއްވިއެވެ. މިހާތަނަށްވެސް ނަބަވީ މިސްކިތުގެ އިމާމެއްގެ ގޮތުގައި ހުންނެވި ޝެއިޚް ޑރ. ހުސެއިން ވަނީ 1439 ވަނަ އަހަރު ނަމީރާ މިސްކިތުގެ އިމާމެއްގެ ގޮތުގައިވެސް އައްޔަންކުރައްވާފައެވެ.

ޝެއިޚް މުހައްމަދު ބިން ހަސަން އަލްޝެއިޚް ( ހިޖްރައިން 1440 )

ޝެއިޚް މުހައްމަދު ބިން ހަސަން އަލްޝެއިޚް ގެންދަވަނީ 2005 ވަނަ އަހަރުން ފެށިގެން ސައުދީ ދީނީ އިލްމްވެރިންގެ ސީނިއަރ ކައުންސިލްގެ މެމްބަރުކަން ކުރައްވަމުންނެވެ.

ސައުދީގެ ޑިޕާޓްމެންޓް އޮފް ހަޔަރ ޖުޑީޝަލް އިންސްޓިޓިއުޓުން އިސްލާމީ ޝަރީޢާއިން މާސްޓަރސް ހާސިލުކުރެއްވުމަށްފަހު ޝެއިޚް މުހައްމަދު ބިން ހަސަން އަލްޝެއިޚް ވަނީ އެ ކޮލެޖްގައި ޕްރޮފެސަރެއްގެ ގޮތުގައި 10 އަހަރުދުވަހު މަސައްކަތް ކުރައްވާފައެވެ.

ރަސްގެފާނުގެ ޤަރާރަކުން ޝެއިޚް މުހައްމަދު ބިން ހަސަން އަލްޝެއިޚް ވަނީ މަދީނާގައި ހުންނަ ކިންގް ސަލްމާން ކޮމްޕެލެކްސް ފޯ ޕްރޮފެޓް ހަދީސްގެ ޗެއަރމަނަކަށް 2017 ވަނަ އަހަރު އައްޔަންކުރައްވާފައެވެ.

ޝެއިޚް އަބްދުﷲ ބިން ސުލައިމާން އަލްމާނިއާ ( ހިޖްރައިން 1441 )

ކޯވިޑްގެ ހާލަތާއި ގުޅިގެން މިިދިޔަ އަހަރު ޙައްޖުގެ އަޅުކަން ކުރިޔަށް ގެންދިޔައީ 1000 މީހުންނާއި އެކުއެވެ. އެހެންނަމަވެސް ޙައްޖުގެ ހުރިހާކަމެއްވެސް ސައުދީ ސަރުކާރުން ނިންމާލީ އެހާމެ ފުރިހަމަކޮށެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި މިދިޔަ އަހަރު ޙައްޖު ޚުޠުބާ ދެއްވީ ޝެއިޚް އަބްދުﷲ ބިން ސުލައިމާން އަލްމާނިއާއެވެ. އެމަނިކުފާނަކީ ސައުދީގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާގެ މެމްބަރެކެވެ. އަދި ރޯޔަލް ކޯޓްގެ އެޑްވައިޒަރެއްވެސް މެއެވެ.

ދުނިޔެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވަނިކޮށް މިދިޔަ އަހަރުގެ ޙައްޖު ޚުޠުބާގައި ޝެއިޚް އަބްދުﷲ ހާއްސަކުރެއްވީ މި ފަދަ ހާލަތެއްގައި މާތްވެގެންވާ އިސްލާމު ދީން ދައްކާ ރިވެތި މިސާލުތަކުގެ މައްޗަށެވެ.
މިގޮތުން ސާފުތާހިރުކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އިރުޝާދުތައް އެމަނިކުފާނުގެ ޚުޠުބާގައި ހަދާންކޮށްދެއްވާފައިވެއެވެ. އަދި ބަލީގެ ނުރައްކަލުގެ ހާލަތުގެ މުޖްތައުމުގެ ރައްކާތެރިކަމަށް ދީނުގައި ދެއްވާފައިވާ އަހައްމިޔަތުކަމަށްވެސް ޝެއިޚް އަބްދުﷲގެ މިދިޔަ އަހަރު ޙައްޖު ޚުޠުބާގައި ވަނީ އަލި އަޅުއްވާލައްވާފައެވެ.

ޝެއިޚް ބަންދާރު ބިން އަބްދުލްއަޒީޒް އަލްބަލީލާހް ( ހިޖްރައިން 1442 )

މިއަހަރުގެ ޙައްޖު ދުވަހުގެ ޚުޠުބާ ދެއްވާނީ ޝެއިޚް ބަންދާރު ބިން އަބްދުލްއަޒީޒް އަލްބަލީލާހްއެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖްރައިން 1395 ގައެވެ. މައްކާގެ މަދުރަސާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު ހިޖްރައިން 1422 ވަނަ އަހަރު އެމަނިކުފާނުވަނީ އުއްމު އަލް ގުރާ ޔުނިވާސިޓީން އިސްލާމީ ޝަރީޢާއިން މާސްޓަރސް ހާސިލުކުރައްވާފައެވެ. އަދި އޭގެ 7 އަހަރު ފަހުން ހިޖްރައިން 1429ގައި ޝެއިޚް ވަނީ މަދީނާގައި ހުންނަ އިސްލާމިކް ޔުނިވާސިޓީން ފިޤްހުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

ޝެއިޚް ބަންދާރު ވަނީ 1434 ވަނަ އަހަރު ޙަރަމްފުޅުހައި ތަރާވީހު ނަމާދުގެ ގެސްޓް އިމާމެއްގައި ގޮތުގައި އިމާމްވެ ކުރައްވާފައެވެ. އެއާއި އެކު ރަސްގެފާނުގެ ޤަރާރަކުން ހަމަ އެއަހަރު އެމަނިކުފާނު ވަނީ ޙަރަމްފުޅުގެ އިމާމެއްގެ ގޮތުގައި އައްޔަންކުރައްވާފައެވެ. މީގެއިތުރުން އެމަނިކުފާނަކީ ތާއިފް ޔުނިވާސިޓީގެ ޕްރޮފެސަރެއްވެސް މެއެވެ.

ސައުދީގެ ދީނީ އިލްވެރިންގެ ސީނިއަރ ކައުންސިލްގެ މެމެމްބަރުކަންވެސް ކުރައްވާ ޝެއިޚް ބަންދާރު ބިން އަބްދުލްއަޒީޒް އަލްބަލީލާހް މިއަހަރުގެ ޙައްޖު ޚުޠުބާ ދެއްވުމުގެ އިތުރުން ޙަރަމްފުޅުގައި މި އަހަރުގެ އަޝްހާ އީދު ނަމާދު އިމާމުވެ ކުރައްވާނީވެސް އެމަނިކުފާނެއެވެ.