ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހދ. އަތޮޅުގެ ބައެއް ރަށްރަށް ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަޝްވަރާ ބައްދަލުވުން ބާއްވަވާފައި ވަނީ މިއަދު ހަވީރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ހެލްތް މިނިސްޓަރ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެއަށްފަހުވަނީ ހޮސްޕިޓަލުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި ހޮސްޕިޓަލުގެ އިސްވެރިން ވަނީ ހޮސްޕިޓަލްގެ ޚިދުމަތްތައް ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ. އަދި ހޮސްޕިޓަލުގެ ފަރާތުން ވަނީ އެހޮސްޕިޓަލުގެ ފެންވަރު މަތިކޮށް ޚިދުމަތްތައް ފުޅާކުރުމަށް މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް މި ވަގުތަށް އެންމެ މުހިންމު ކަންކަމާއި ޚިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޯވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށި ސިޓީއަކީ އެ ސަރަޙައްދުގައި ފުޅާދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ މުހިންމު ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި ރީޖަނަލް ހޮސްޕިޓަލަށް ސަރުކާރުން ޚާއްޞަ ސަމާލުކަން ދެއްވާކަން ފާހަގަކުރައްވައި ރާއްޖޭގެ 5 ސަރަޙައްދުގައި 5 ޓާޝަރީ ހޮސްޕިޓަލް ޤާއިމުކުރުމުގެ ބޭނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން މިކަމުގެ ސަބަބުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދިއުމާއެކު އިތުރު އެތައް ފައިދާތަކެއް ވާނެކަމަށާއި އޭގެ ހެޔޮބަދަލުތައް މިހާރުވެސް ފެންނަން ފަށާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އަންނަނީ 30 އެނދުގެ ވޯޑެއް ހެދުމާއި 6 އެނދުގެ އައިސީޔޫއެއް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫއާއެކު ރީޖަނަލް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ލިބިގެންދާނެއެވެ.
ކުޅުދުއްފުށީ ރޖަނަލް ހޮސްޕިޓަލްގައި ގިނަ އައު ޚިދުމަތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެގޮތުން އެމްއާރުއައިގެ ޚިދުމަތާއި ސީޓީ ސްކޭން، ސްޕީޗް ތެރެޕީގެ ޚިދުމަތްފަދަ ގިނަ އައު ޚިދުމަތްތައް އެ ހޮސްޕިޓަލުގައި ވަނީ ފަށާފައެވެ. އަދި ކުޅުދުއްފުށީގެ އައު ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ ޕްރޮޖެކްޓް މިހާރު އޮތީ ޓެންޑަރ ކުރުމަށް ހުޅުވާލުމުގެ މަރުޙަލާގައެވެ.