ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ގުޅުއްވާ ދެ ޤައުމު ގުޅުގިން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މީގެއިތުރުން ކޯވިޑް 19 ގެ ބަލިމަޑުކަމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އެ ޤައުމުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކުރިއަށް އޮތް ތަނުގައި ވެސް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް ކޮންޓްރޯލްކުރުމަށްޓަކައި ޗައިނާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ މިއަހަރުގެ މާރޗް މަހު ރާއްޖެއަށް ދެލައްކަ ވެކްސިން ޑޯޒް ހަދިޔާކުރެއްވިކަމަށްޓަކައި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އަންނަ އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 50 ފުރޭ އަހަރުކަން ފާހަގަކުރައްވާ ރައީސް ވަނީ މި ވޭތުވެ ދިޔަ އަހަރުތަކުގައި ޗައިނާއަކީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫތަކުގެ އެއް ހިއްސާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މިހާރުވެސް ޗައިނާއިން ރާއްޖޭގައި ތަރައްޤީގެ އެކި މަޝްރޫއުތައް ކުރިއަށްގެންދާކަމަށާއި އެކަމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރާއެކު ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދެ ބޭފުޅުން ފޯނުން ގުޅުއްވައިގެން ކުރެއްވި މަޝްވަރާތަކުގައި ޗައިނާގެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމު ގުޅިގެން މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރައްވަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އަންނައަހަރު ކުލަގަދަކޮށް ދެ ޤައުމުގެ ގުޅުމަށް 50 އަހަރުން ފުރުން ފާހަގަކުރައްވަން އުއްމީދުކުރައްވާކަން ޗައިނާގެ ރައީސް ފާހަގަކުރެއްވިއެވެ.
ޝީޖިންޕިން ވަނީ ކުޅިވަރުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދައިރާގައި ދެ ޤައުމު ގުޅިގެން މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެގޮތުން މިހާރަށްވުރެ ބޮޑަށް ޗައިނާއިން ރާއްޖެ އަަންނަ ފަތުރުވެރިން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިީގެ އިތުރުން ޗައިނާގެ ރައީސް ވަނީ އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.