ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެންފި


ތިލަދުންމަތީ ދެކުނުބުރީގެ 3 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުޅުދުއްފުއްފުށި ސިޓީއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއާއި ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެސިޓީގެ އެކި މުޢައްސަސާތަކުގެ އިސްވެރިންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީ އެއަރޕޯޓު ސަރަޙައްދު ޒީނަތްތެރިކޮށްފައިވީ ނަމަވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ މީހުން ބައިވެރިކޮށްގެން ހަރަކާތްތައް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސްކުރައްވާފައިވާތީ، ގިނަ ބަޔަކު އެއްވެ މަރުހަބާ ދެންނެވުން ކުރިއަށްގެންގޮސްފައިނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ މިދަތުރުފުޅަކީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާއެކު، ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދުއާ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއާއި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ 5 ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއާއި ކުމުންދޫ އަދި ހަނިމާދޫގައިވެސް ސްކޫލްތަކާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން ކައުންސިލްތަކާއި، އަންހެންނުގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި ރަށްރަށުގެ ހާލަތާއި ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވާނެއެވެ. މީގެ އިތުރުން ރަށްރަށުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލްތަކާއި ކަމާގުޅޭ ޢިދާރާތަކާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ކުޅުދުއްފުށީގެ އެކި އެކި ޢިދާރާތަކާއި، ބައްދަލުކުރައްވައި އެސިޓީގައި ހުރި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ބައްލަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ހދ. ކުމުންދޫއަށް ވަޑައިގަންނަވާނެއެވެ. މީގެއިތުރުން ހަނިމާދުއަށް ވަޑައިގެން، ހަނިމާދޫގައި ކުރިއަށްދާ ބައެއް މަޝްރޫޢުތައްވެސް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.