ޚަބަރު

ރައީސްއަށް މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްވެގެން ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް މިއަދު ދަތުރުފުޅެއް ފެއްޓެވިނަމަވެސް، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ މީހުން ބައިވެރިކޮށްގެން ހަރަކާތްތައް ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ތިލަދުންމައްޗަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅު ފައްޓަވާނީ މިއަދުއެވެ. މި ދަތުރުފުޅުގައި ހދ.ކުޅުދުއްފުއްޓާއި، އެއަތޮޅު ކުމުންދޫގެ އިތުރުން ހަނިމާދުއަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ވިދާޅުވީ ތިލަދުންމައްޗަށް ކުރައްވާ ރައީސް ޞާލިހު ކުރައްވާ ދަތުރުފުޅާއި ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ. ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަން ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ދަންނަވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާއެކު، ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެކަމަށެވެ.

ކޯވިޑްގެ ފުރަތަމަ ރާޅަށްފަހުވެސް ރައީސް ވަނީ ރަށްރަށް ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ރަށްރަށަށް ބޭނުންވެފައިވާ ތަރައްޤީގެ މަޝްރޫތަކާއި ގުޅޭގޮތުނާއި ރަށްޔިތުންގެ ހާލަތު ގާތުން ބައްލަވާފައެވެ.

ރައީސް ޞާލިޙް ފާހަގަވެފައި ވަނީ ވެރިކަމަށް ވަޑައިގެން ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ރަށްރަށެއްގެ ހާލަތު ބެއްލެވި ރައީސެއްގެ ގޮތުގައެވެ. އެގޮތުން ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންނާ މަޝްވަރާކުރައްވައިގެން ސިޔާސަތުތައް ކަނޑައެޅުއްވުމަށްޓަކައި ރައީސް ޞާލީހު ވަނީ ކޯވިޑްގެ ޙާލަތު އައުމާހަމައަށް ރާއްޖޭގެ 69 ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާއެކު ވަނީ ބާއްވަވާފައިވެއެވެ.