ޚަބަރު

އޭޝިޔާގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ސްޓެލްކޯގެ އެމްޑީ މުޣުނީ


އޭޝިޔާގެ ކުންފުނިތަކުގެ ލީޑަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލީޑަރަކަށް ދޭ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިއްޖެއެވެ.

މުޣްނީއަށް ލިބިފައި ވަނީ 19 ވަނަ އޭޝިޔަން އެޗްއާރް ލީޑަރޝިޕް އެވޯޑްސްގެ "އެގްޒަމްޕްލަރީ ލީޑަރ އޮފް ދަ އިޔަރ" އެވޯޑެވެ. މިއެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރަށް ލިބިފައިވަނީ އޭޝިޔާ ސަރަހައްދުގެ ގިނަ ޤައުމުތަކެއްގެ ކުންފުނިތަކުގެ އިސްވެރިންނާއި ތެރެއިން ރޯލް މޮޑެލްއެއްގެ ގޮތުގައި ފާހަގަކުރެވިގެންނެވެ.

މިއެވޯޑަށް މުޣްނީ ހޮވުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވިފަހުން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ ޕީސީބީން ސަރުކާރު ހިއްސާވާ ކުންފުނިތައް ރޭންކް ކުރާ މިންގަނޑުގެ "އޭ" ކެޓަގަރީއަށް ސްޓެލްކޯ ބަދަލުކުރެވުމާއި، ހަކަތަ އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ކުންފުނި ގެންދިއުމަށް މުޣުނީގެ ލީޑަރޝިޕްގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އެގޮތުން ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސޯލަރ ޕެނަލް ވިއްކުމާއި، ރާއްޖެއަށް ތަޢާރަފްކޮށްފައިވާ މުޅިން އައު އީޖާދުތަކުގެ ތެރޭގައި ހިމެނޭ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ފޯރުވައިދޭ ސްޓެލްކޯ ގްރީން ލައިފް ބަސް ސްޓޮޕާއި، ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭގޮތުން ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ފްލޯޓިން ސޯލަރ ޕޮޑް އަކީ މުޣްނީގެ އިރުޝާދުގެ ދަށުން ތަޢާރަފްކޮށްފައިވާ ކަންކަމުގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ތިމާވެށި ފެހި ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ފައްޓަވާދެއްވާފައިވާ ރަށްފެހި ޕްރޮގްރާމް މެދުނުކެނޑި ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަމައެކަނި ކުންފުންޏަކީވެސް ސްޓެލްކޯކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ލޮކްޑައުންއަކާ ދިމާލަށް ގޮސްދާނެކަމަށް ބަލައި، ދުރާލާ އެކަމަށް ތައްޔާރުވެ ބަލީގެ އެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތައް ތައްޔާރުކޮށް ކުންފުނީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް ސްޓެލްކޯއިން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާވުމުގެ ނަތީޖާއަކަށްވީ ލޮކްޑައުން ހާލަތުގައި ކުންފުނީގެ އެއްވެސް މުއައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވުމެވެ. އަދި ކޯވިޑްގެ ހާލަތުގައިވެސް ސްޓެލްކޯއިން ކުރިޔަށް ގެންދާ ބޮޑެތި މަޝްރޫޢުތައް ލަސްކަމެއް ނެތި ކުރިޔަށް ގެންދިއުމާއި، މުޅި ކުންފުނީގެ ހުރިހާ ޚިދުމަތެއް އައިއެސްއޯއަށް ސެޓިފައި ކުރެވުނު ފުރަތަމަ ކުންފުންޏަށްވުމުގެ ޝަރަފްވެސް ސްޓެލްކޯއިން ވަނީ ހޯދާފައެވެ.

19 ވަނަ އޭޝިޔަން އެޗްއާރް ލީޑަރޝިޕް އެވޯޑްސްގެ "އެގްޒަމްޕްލަރީ ލީޑަރ އޮފް ދަ އިޔަރ"އަށް މުޣްނީ ހޮވިފައިވާއިރު މިދިޔަ އަހަރު އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އިމަރޖިން ލީޑަރ އޮފް ދަ އިޔަރ އެވޯޑްވެސް މުޣްނީއަށް ވަނީ ލިބިފައެވެ.