ޚަބަރު

ފްލެޓް ދިނުމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ އޭސީސީއަށް!


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ޢިމާރާތްކުރި ހިޔާ ފްލެޓްތައް ދިނުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ ތަފްސީލް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވައިފިއެވެ.

ހިޔާ ފްލެޓްތައް ދިނުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ ތަފްސީލް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެދުމުގެ މަތިން ފޮނުވީ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ސަރުކާރުން އެކުލަވާލި ކޮމިޓީންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީން ވަނީ ވަރަށް ގިނަ މައްސަލަތަކުގެ ތަފްސީލް އޭސީސީއާ ހިއްސާކުރައްވާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ކަމާއިބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލަތައް ދިރާސާކުރުމަށް އިހުމާލުވެފައިވާ ފަރާތްތަކާއިމެދު ދައުވާކުރުމާއިމެދު އޭސީސީން ގޮތެއް ނިންމާނެއެވެ.

ފްލެޓް ދިނުމުގައި ހުރި މައްސަލަތައް ބެލުމަށް ސަރުކާރުން އެކުލަވާލި ކޮމިޓީން ފްލެޓް ލިބުނު ފަރާތްތަކުގެ ހާލަތު ރަނގަޅު ދިރާސާކޮށްފައި އަލުން ޕޮއިންޓްދީފައެވެ. އަދި ސަރުކާރުން ފަހުން އެކުލަވާލި ލިސްޓުގައި ހިމެނޭ ފަރާތްތަކާއެކު ފްލެޓް އެގްރިމަންޓުގައި ދަނީ ސޮއިކުރަމުންނެވެ.

ހިޔާ ފްލެޓްތައް ދިނުމުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ އިތުރުން، އެތަން އިމާރާތްކުރުމުގައިވެސް ކުރީ ސަރުކާރުން އިހުމާލުތަކެއް ވެފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ.