ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައު މެންބަރުން ހޮވައި، ޗެއަރޕާސަން ކަނޑައަޅައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، އެ ބެންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް ހަމަޖައްސާފައިވާކަމަށެވެ. އޭނާ އެ މަޤާމަށް ކަނޑައެޅީ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައިކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންގެ ގޮތުގައި އަހަރީ އާއްމު ޖަލްސާއިން ކަނޑައަޅާފައިވަނީ
1.މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2.އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3.އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް
4.އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
5.އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6.އަލްފާޟިލް ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
7.އަލްފާޟިލް މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވި 2 ޑިރެކްޓަރުންނަކީ:
1.އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
2.އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައިވަނީ މިއަދު އޮންލައިންކޮށެވެ. އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، ޓިމް ސޯޔާ ވަނީ ކޯވިޑްގެ ހާލާތާއެކު ބޭންކަށް ދިމާވި ގޮންޖެހުންތަކަށް އަލި އަޅުއްވާލާފައެވެ. އެގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު، %60 އަށް ވުރެ ބޮޑު ދަށްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓިމްގެ ވާހަކައިގައި ކޯވިޑްގެ ސަބަބުން އިޤްތިޞާދަށް އެންމެ ބޮޑަށް އަސަރު ކުރި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަން ފާހަގަ ކުރެއްވިއެވެ. އަދި ޤައުމުގެ އިޤްތިޞާދު ހިފެހެއްޓުމަށް ބީއެމްއެލްއިން މުހިންމު ދައުރެއް އަދާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިޤްތިޞާދު ހަރުދަނާ ކުރުމަށް ބޭންކުގެ ސްޓްރެޓީޖިކް ޕްލޭނެއް ތެރެއިން، ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށް އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރުފައިސާގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނުކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިކަންކަމުގެ ތެރެއިން މެދުކެނޑުމެއްނެތި ބޭންކިންގ ޚިދުމަތް ކުރިޔަށް ގެންގޮސް ކޯވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭންސިންގއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު ކަން ބީއެމްއެލްއިން ވަނީ ފާހަގަ ކޮށްފައެވެ.