ކުޅިވަރު

4 ޒޯނަކަށް ބަހާލައިގެން 2023/24 ފުޓުބޯޅަ ސީޒަން ކުޅޭނީ އައު ފޯމެޓަކަށް


ހަތަރު ޒޯނަކަށް ބަހާލައިގެން 2023/24ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން އައު ފޯމެޓަކަށް ކުރިޔަށްގެންދަން ނިންމާފައިވާކަމަށް އެފްއޭއެމުގެ ރައީސް ބައްސާމު އަދީލް ޖަލީލު ވިދާޅުވެއްޖެއެވެ.

ގޮލޮޅު ބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބައްސާމު ވިދާޅުވީ ވަރަށް ގިނަ ދުވަހުގެ މަތިން ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ޕުރިމިޔަރ ލީގުގެ އައު ފޯމެޓު އެކުލަވާލެވިފައިވާކަމަށާއި އަމާޒަކީ މުބާރާތުގެ މެޗުތައް މުޅި ރާއްޖޭގައި މެޗުތައް ކުޅުންކަމަށެވެ. ބައްސާމު ވިދާޅުވީ އަތޮޅު ތެރޭގެ ފުޓުބޯޅަ ކުރިއެރުވޭނީ މާލޭގައި ތިން ޑިވިޝަން އޮންނަ ގޮތަށް އަތޮޅުތަކުގެ ތެރޭގައިވެސް ޑިވިޝަންތައް އުފައްދައިގެންކަމަށެވެ.

އައު ފޯމެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެފްއޭއެމުގެ ކޮންސަލްޓަންޓު މުހައްމަދު އާދަމު ވިދާޅުވީ ފުރަތަމަ ޒޯނުގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ.އަތޮޅުކަމަށާއި ދެވަނަ ޒޯނުގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅުކަމަށެވެ. އޭގެ އިތުރުން ތިންވަނަ ޒޯނުގައި ހިމެނެނީ ތ، ލ، ގއ، ގދ އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއެވެ. އަދި ހަތަރުވަނަ ޒޯނުގައި ހިމެނެނީ ވިލިމާލެ، މާލެ އަދި ހުޅުމާލެއެވެ. އޭނާ ވިދާޅުވީ ކޮންމެ ޒޯންއެއްގައިވެސް ލީގެއް ކުޅުމަށް ނިންމާފައިވާކަމަށާއި 4 ޒޯނުގައި ބާއްވާނީ 4 ލީގެއްކަމަށެވެ. އަދި ކޮންމެ ލީގެއްގައި 3 ޑިވިޝަނަށް ކުޅޭނެކަމަށާއި މާލެ ސަރަޙައްދުގެ ޒޯނުތައް ފިޔަވައި އެހެން ޒޯނުތަކުގައި ކުޅޭނީ އޯޕަން ޑިވިޝަނެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.