ޚަބަރު

ނަހުލާގެ އޯޑަރަށް ކައުންސިލް މެމްބަރުންތަކަކަށް ބިރު ދެއްކި މައްސަލައެއް އެލްޖީއޭއަށް


މާލެ ސިޓީ ކައުންސިލަރުންތަކެއް ރަސްމީ ކަމެއްގައި ވިލިމާލެއަށް ދިއުމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ފަރާތުން ބަޔަކު ފޮނުވައިގެން ކައުންސިލަރުންގެ މަސައްކަތަށް ހުރަސްއަޅައި ދިމާކުރި މައްސަލައެއް ބެލުމަށް އެލްޖީއޭއަށް ފޮނުވައިފިއެވެ.

ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ވިދާޅުވެގެން ކަމަށްބުނެ ކައުންސިލަރުންތަކަކަށް ވިލިމާލެއިން ބަޔަކު ބިރު ދައްކާފައިވާ މައްސަލައެއް މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެމައްސަލަ ވަނީ ސިޓީ ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށް ބަލާފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ނަހުލާ އަލީއާއި ގުޅޭގޮތުން ހުށަހެޅުނު މިމައްސަލައާ ގުޅިގެން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވަނީ ބަޔަކު ހުށަހެޅި މިކަންބޮޑުވުމާއި ގުޅިގެން މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އެދުމަށް، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އައުލަބިއްޔަތުން ފާސްކޮށްފައެވެ.

މިއީ މާލެ ސިޓީ ކައުންސިލް މެމްބަރެއްގެ މައްސަލައެއް ބެލުމަށް މިހާރު އޮތް ކައުންސިލުން ފޮނުވި ފުރަތަމަ ފަހަރެވެ. މާލެ ސިޓީ ކައުންސިލަކީ ނަހުލާ ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސާފު މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.