ޚަބަރު

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ ލެބޯރެޓަރީ ޚިދުމަތް ފުޅާކުރަނީ


ހދ.ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގައި ލެބޯރެޓަރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ފައްޓަވައިފިއެވެ. މިއާއެކު 24 ގަޑިއިރު ޚިދުމަތްދޭ މިމަރުކަޒަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.

ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގައި ލެބޯރެޓަރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ތަނުގެ ޙާލަތު ދެނެގަތުމަށް ހެލްތު މިނިސްޓްރީގެ ކޮލިޓީ ޑިޕާޓްމަންޓުންވަނީ އެރަށު ސިއްޙީ މަރުކަޒުގެ އެސެސްމަންޓުތަކެއް ހަދާފައެވެ. އެގޮތުން ހޮސްޕިޓަލްގެ ލެބޯރެޓަރީގެ އިންސްޕެކްޝަންތައް މިހާރު ނިމިފައިވާއިރު މިއިންސްޕެކްޝަނަށްފަހު އެތަން ހުންނަންޖެހޭ މިންގަނޑަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ބަޔާންކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުގެ މެނޭޖަރ އާދަމް ރިޔާޒް ވިދާޅުވީ ލެބޯރެޓަރީން މިހާރު ހެދެނީ ހަމައެކަނި ހަކުރު ޓެސްޓާއި އީސީޖީ ނެގުމުގެ ޚިދުމަތްކަމަށެވެ. ލެބޯރެޓަރީގެ ޚިދުމަތް އެއްކޮށް ނިމިގެން ދިޔުމާއެކު އިތުރު ޓެސްޓުތައް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 1900އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 12 އާއި 15 ދޭތެރޭގެ މީހުން ޑޮކްޓަރަށް ދައްކާކަމަށް އެމަރުކަޒުން ފާހަގަކުރައްވައެވެ. ލެބޯރެޓަރީގެ އިތުރު ޚިދުމަތާއެކު ސިއްޙީ މަރުކަޒަށް ދާ މީހުންގެ އަދަދު އިތުރުވެ، ރަށުން ބޭރަށް ޓެސްޓު ހަދަން ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ނޮޅިވަރަންފަރު ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ.

ޕީއެސްއައިޕީގެ ތެރެއިން ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑުކުރުމުގެ މަސައްކަތް މިދިޔަ އަހަރުވަނީ ނިންމާފައެވެ.