ޚަބަރު

އިއްޒުއްދީންގެ ޓީޗަރުން ބަދަލުކުރުމާއި ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅުމެއް ނެތް: އެޑިއުކޭޝަން


އިއްޒުއްދީން ސްކޫލްގެ 4 ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމާފައިވާ ނިންމުމާ އެމިނިސްޓްރީއަށް ހުށައަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި އެއްވެސް ގުޅުމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޒުއްދީން ސްކޫލްގެ 4 ޓީޗަރުން މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމާފައިވަނީ މިއަހަރުގެ ކުރީކޮޅު އެސްކޫލްގެ 4 ލީޑިންގ ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެސްކޫލްގައި އުފެދުނު ނުތަނަވަސްކަން ޙައްލުކުރުމަށް މިނިސްޓްރީއިން ހިންގި ލީޑަރޝިން އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިޢާޔަތްކޮށްފައިކަމަށެވެ.

މިރިވިއުއިން ސްކޫލް ހިންގުމުގައާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރިކަމަށް ފާހަގަވެފައިވާކަމަށާއި، އެހެންކަމުން މިމައްސަލަ ޙައްލުކުރުމަށްޓަކާ އަންނަ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްގެ ބައެއް މަޤާމުތަކަށް ބަދަލުގެނައުމަށް މިރިވިއުގައި ލަފާދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެމިނިސްޓްރީން ވިދާޅުވީ ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު މިރިވިއުއަށްފަހު ބަދަލުކުރަން ހަމަޖެހިފައިވާ 4 ޓީޗަރުންނަށް އެކަން މިހާރު އަންގާފައިވާކަމަށެވެ.


އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައިވަނީ އިއްޒުއްދީން ސްކޫލްގެ 4 ޓީޗަރުން ބަދަލުކުރުމާއި ގުޅޭގޮތުން ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓޭމް އާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާނުގައި ހަގީގަތާއި ޚިލާފަށް މައްސަލަ އޮޅޭގޮތަށް މަޢުލޫމާތު ހިމަނާފައިވާތީ އެކަން ކުށްވެރިކޮށްފައެވެ.

ދެ އެންޖީއޯއަކުން މިކަމުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ތުހުމަތުކޮށް ނޫސްބަޔާން ނެރެފައިވާއިރު ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ އަވަސް ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން އަބަދުވެސް އިސްކަންދޭނެ ކަމަށް އެޑިއުކޭޝަނުންވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ހާމަކުރައްވާފައިވާއިރު މި 4 ޓީޗަރުންނަށް ޖިންސީ ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށް ބުނެ އެމައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށައަޅާފައިވާ ކަމަށް މި 4 ޓީޗަރުންގެ ޤާނޫނީ ވަކީލުންގެ ޓީމުން ހާމަކުރައްވައެވެ. އަދި މައްސަލަ ހުށައެޅި 4 ޓީޗަރުން ބަދަލުކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އެކަން އެގޮތަށް ނުކުރުމަށް އެދިވެސް މިނިސްޓްރީއަށާއި ސިވިލް ސަރވިސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށްވެސް ޕަބްލިކް އިންޓްރަސްޓް ލޯ ސެންޓަރުން ނެރެފައިވާ ނޫސްބަޔާނުގައިވަނީ ހާމަކޮށްފައެވެ.

އިއްޒުއްދީން ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ސަރުކާރުން އެންމެ ފުރަތަމަ ބިނާކުރި ސްކޫލެވެ. މިދިޔަ އަހަރުގެ ދިރާސީ އާއަހަރާ ދިމާކޮށް މިސްކޫލް ހުޅުވިތާ ދެމަސްނުވަނީސް ކޯވިޑް-19ގެ ސަބަބުން ސްކޫލްގެ ކިޔެވުންވަނީ ހުއްޓާލާފައެވެ. އޭގެފަހުން ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.