ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި


އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ. ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށް އެސްޓިއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10 ރުފިޔާ 72 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 10 ރުފިޔާ 95 ލާރިއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 9 ރުފިޔާ 74 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 10 ރުފިޔާ 72 ލާރިއަށެވެ.

މިބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 98 ލާރި ބޮޑު ވެފައި ވާއިރު، ޑީސަލް ލީޓަރަކުން ވަނީ 23 ލާރި ބޮޑުވެފައެވެ. އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާއިއެކު އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ޖޫން މަހުއެވެ.

މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުރެއެވެ. އެއީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގެ އިތުރުން ސްޓެލްކޯ ކައިރީގައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައިވެސް އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުރެއެވެ. އަދި ދާދިފަހުން އެކުންފުނިން ވަނީ ފިއުލް ސްޓޭޝަނެއް ތިލަފުށީގައިވެސް ހުޅުވާފައެވެ.