ޚަބަރު

ޢަބްދުﷲ ގާޟީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި


ފެމިލީ ކޯޓުގެ އިސް ގާޟީ ޢަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޤާޟީ ޢަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައި މައްސަލަ ބަލަން ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ޖޭއެސްސީން ބަލަމުންދިޔައީ އަބްދުﷲ ގާޟީ އާއި ގުޅޭ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.

ޢަބްދުﷲ ގާޟީއާ ގުޅޭގޮތުން ހުށައެޅުނު ޝަކުވާ ބެލުމަށް ފަހު ޖޭއެސްސީން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރެވި ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޢަބްދުﷲ ޤާޟީ ވަނީ މީގެ ކުރިން ކްރިމިނަލް ކޯޓްގެ އިސް ޤާޟީކަންވެސް ކުރައްވާފައެވެ. ޝަރުއީ ދާއިރާގެ އެކި ކޯޓްތަކާއި، މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި ޤާޟީންނާއި، ފަނޑިޔާރުންގެ ތެރެއިން ސުލޫކީ އެކި މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެގޮތުން މިހާރުވެސް ބައެއް ފަނޑިޔާރުންނާއި، ޤާޟީންގެ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުންދަނީ ބަލަމުންނެވެ.