ޚަބަރު

ބުދު ފައްޅީގެ އާސާރީ އެއްޗެހިތަކެއް ނިލަންދޫއިން


ފ. ނިލަންދޫއިން ތާރީހީ އާސާރީ އެއްޗެހިތަކެއް ފެނި އެތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީގެކުރިންވެސް ބައެއް އާސާރީތަކެތި ފެނިފައިވާ ނިލަންދޫއިން މި ފަހަރު ފެނިފައިވަނީ ހަތަރެސް ބައްޓަމަށް އޮތް އެއް ފޫޓްގެ ބޮޑު ދެ ހިރި ގަލާއި ގަހަނާ އަޅަން ބޭނުންކުރާ ޒާތުގެ ދެ ފޮއްޓެކެވެ.

މި ތަކެތި ފެނިފައިވަނީ އެރަށުގައި ހުރި ދުވަސްވީ ހުކުރު މިސްކިތް ކައިރީގައި ހުރި ގާފުންޏަކުންނެވެ. މި ސަރަހައްދުން ފެނުނު ހިރި ގަލުގެ ހަ ފަރާތުގައިވެސް ވަނީ ބުދު ދީނަށް އަޅުކަން ކުރާ މީހުން ބޭނުންކުރަމުން އައި ރަމްޒުތައް ކަނޑާނަގާފައިވާ ކުރެހުންތަކެވެ.

މި ގައުތައް ފެނުނު ޒުވާނާ ބުނީ ގަައުތަކުން ފެންނަ ހުރީ ބުދު ދީނުގެ މީހުން ރަމްޒުކޮށް ދިނުމަށް ބޭނުންކުރާ ކުރެހުންތައްކަމަށްވާ ލޮޓަސް މަލާ، ސަންގާއި އެނޫންވެސް ކުރެހުންތައް ކަމަށެވެ. މި ތަކެތި ފެނުނު ޒުވާނާ ވަނީ މިތަކެތި ފެނުމާއި އެކު އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

މިތަކެތި ފެނުމުން އެކަން ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓަރ ޔުމްނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެކަމަނާވެސް ވިދާޅުވީ އެތަކެއްޗަކީ ބުދު ދީނުގެ ބައެއް ކަންކަން ރަމުޒުކޮށްދޭ އެއްޗެހިކަމަށް ބެލެވޭކަމަށެވެ.

2017 ވަނަ އަހަރުވެސް ނިލަންދޫއިން ވަނީ އާސާރީ އެއްޗެހިތަކެއް ފެނިފައެވެ. މިފަހަރު މިތަކެތި ފެނުނު
ހިސާބާއި ޖެހިގެން ހުރި މިސްކިތަކީ އެރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތެވެ. މި މިސްކިތަކީ އެރަށު ރައްޔިތުން އިސްލާމްވުމުން ދަރުމަވަންތައް ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ.

ފ. ނިލަންދޫއަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްވީ ދުވަސްވަރު އިރު އެންމެ ފަހުން ރާއްޖެއިން އިސްލާމްދީން ގަބޫލުކުރި ރަށެވެ. އަދި އެރަށަކީ ރާއްޖޭގައި އެންމެ ވަރުގަދަކޮށް ބުދު ދީނަށް އަޅުކަން ކުރި މީހުން ހިމެނޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި ރާއްޖެއިން ފެނުނު އެންމެ ވަރުގަދަ ބުދު ފައްޅިވެސް ހުރީ މިރަށުގައިކަމަށް ތާރީހު ލިޔުންތެރިން ވިދާޅުވެއެވެ.