ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭގޮތުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމުން، ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ މައްސަލަ މުރާޖައާކުރުމަށް ހުށަހަޅައިފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިމަހުގެ 4 ވަަނަ ދުވަހު އެދުމުން، ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތް ކަމަށް ނުދެކޭތީ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، އެމައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާރ ވަނީ ނިންމާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ކްރިމިނަލް ކޯޓުން ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމެވުން މުރާޖަޢާކޮށްދެވުން އެދި ހައިކޯޓުގެ ޤަވާއިދުގެ 17 ވަނަ މާއްދާގެ ހ ގެ ދަށުން ހުށަހަޅާފައިވާކަމަށެވެ.
ޢަލީ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.