ޚަބަރު

ވެކްސިން ޖެހުން އަވަސްކުރައްވާ، ވެކްސިން ޖެހޭނެ ފަހުދުވަހަކީ މިމަހުގެ 17


އޭޕްރީލްމަހު ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 2 ވަނަ ޑޯޒް ޖަހަން ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ވެކްސިން ޖަހާ އެންމެފަހު ދުވަހަކީ މިމަހުގެ 17 ވަނަ ދުވަސްކަމަށެވެ. އަދި އޭޕްރީލްމަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ދެވަނަ ފަހަރަށް ހުޅުވާލީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އޭރު ދެވަނަ ޑޯޒް ޖަހަން ހުޅުވާލީ 1 ފެބްރުއަރީން ފެށިގެން 15 މާޗާއި ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.

ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް އެއްވެސް ވެކްސިން ސެންޓަރަކުން އެޕޮއިންޓްމަންޓް ދޫނުކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ވެކްސިން ސެންޓަރަށް ދިޔުމުގެ ކުރިން މަޢުލޫމާތު ސާފުކޮށް އެޕޮއިންޓްމަންޓް ހަދައިގެން ދިޔުމަށް އެޗްޕީއޭއިން އިލްތިމަސްކުރައްވައެވެ.

އެގޮތުން ކިޔުބީ މެދުވެރިކޮށްވެސް އެޕޮއިންޓްމަންޓް ހަމަޖެހޭގޮތަށްވަނީ ހަމަޖައްސާފައެވެ. މިގޮތުން މިއެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ޓޯކަން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާ 12:00އާ ދެމެދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އޮންލައިންކޮށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ކޮންމެ ވަގުތަކުވެސް ހަމަޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ ތަރުތީބުން ދެވަނަ ޑޯޒް ޖެހުމަށް އެޗްޕީއޭއިން ގުޅަމުންދާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

މިލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ފޯނު ނަންބަރު ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި ވެކްސިން ޖަހަން ދާން ބޭނުންވާ ވެކްސިން ސެންޓަރާއި ދާން ބޭނުންވާ ދުވަހާއި ގަޑި ފާހަގަކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.