ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ އޮފިޝަލުންނާއި ބައްދަލުކުރައްވައި ކޯވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.

ކުރިއަށްއޮތް ބަންދުދުވަސްތައް އައުމުގެ ކުރިން، ބޭއްވި މި ބައްދަލުކުރެއްވުމުގައި އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޯވިޑް-19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ތަފްޞީލުކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޯވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މަޢުލޫމާތުވެސް އޮޅުންފިލުވާފައެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެޗް.އީ.އޯ.ސީން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްޞީލުކޮށްދެއްވާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންގއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް ބާރުއަޅުއްވައި އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓަރ އޮފް ހެލްތާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗް.އީ.އޯ.ސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.