ވިޔަފާރި

ކުރިއަށް އޮތް ޗުއްޓީގައި ބޭންކިން ޚިދުމަތް ދޭނީ ޖުލައި 21 އާއި 27 ވަނަ ދުވަހު އެކަނި


ކުރިއަށް އޮތް ބޮޑު ބަންދުގައި ބޭންކިންގް ޚިދުމަތް ދޭނީ މިމަހުގެ 21 ވަނަ ދުވަހާއި 27 ވަނަ ދުވަހު އެކަނި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

ކުރިއަށް އޮތް ދެ ހަފްތާ ސަރުކާރު ބަންދުވުމާއި ގުޅިގެން އެމްއެމްއޭއިންވަނީ ބޭންކުންތަކުން ޚިދުމަތް ދެވޭނެ ގަޑިތައް ބޭންކުތަކަށް އަންގާފައެވެ. އެގޮތުން ފައިސާ ބަލައިގަނެ ދޫކުރުމާއި، ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަނެ ދޫކުރެވޭނީ މިމަހުގެ 21ވާ ބުދަދުވަހާއި 27ވާ އަންގާރަ ދުވަހުއެވެ. އެމްއެމްއޭއިން ބުނެފައިވަނީ މިދުވަސްތަކުގައި ބޭންކިންގެ ޚިދުމަތް ދެވޭނީ ހެނދުނު 8:30 އިން 14:00 އަށް ކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތްގޮތުން ސަރުކާރު ބަންދުކޮށްފައިވަނީ މިމަހުގެ 27 ގެ ނިއަލަށެވެ. ނަމަވެސް މިމަހުގެ 28 އާއި 29އަކީވެސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިއްޔެވަނީ ކަނޑައަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ ޢީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުންނެވެ. އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، 2021 އޮގަސްޓު 1 ވާ އާދީއްތަ ދުވަހުގައެވެ.