ޚަބަރު

ޓެރަރިޒަމްގެ ތުހުމަތުގައި ތިމަރަފުށިން ހައްޔަރުކުރި އެންމެންގެ ބަންދު ދަމަހައްޓައިފި


ދީނީގޮތުން ހައްދު ފަހަނައެޅުމާއި ހަރުކަށި ފިކުރު ފެތުރުމުގެ ޙަރަކާތްތައް ހިންގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ތ.އަތޮޅު ތިމަރަފުށިން ހައްޔަރުކޮށްފައިވާ 8 މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

މިމީހުންގެ ބަންދުގެ މުއްދަތު ދަމައްޓާފައިވަނީ މިމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައިސިސްއާ ގުޅުން އޮންނަ ބައެއްކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން

  • ޢަބްދުﷲ ޝަރީފް - ތ. ތިމަރަފުށި، އަސްރަފީވިލާ،
  • ޢަލީ މުނީޒު - ތ. ތިމަރަފުށި، ކެނެރީގެ،
  • މުހައްމަދު އާސިރު - ތ. ތިމަރަފުށި، އަސުރުމާގެ،
  • އަހުސަން މުހައްމަދު - ތ. ތިމަރަފުށި، އަސްރަފީވިލާ،
  • ޝަމާހު ޝަރީފު - ތ. ތިމަރަފުށި، ސައިމާ،
  • އިބްރާހިމް ލޫތު - ނ. ކުޑަފަރި، ރޯޒްމީޑު،
  • ޢަލީ އަރުހަމް މުހައްމަދު - ރ. ކަނދޮޅުދޫ، ފެހިވިލާ،
  • ޢަބްދުﷲ އިމާދު - ރ. މަޑުއްވަރި، ބީޗްހައުސް،

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / އަސްރަފީވިލާ، އަޙްސަން މުޙައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މީހަކަށް މަރުގެ އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / ކެނެރީގެ، ޢަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މުދަލަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ތަހުގީގު އާއްމުކޮށް ފުލުހުން ނެރުނު ބަޔާނުގައިވަނީ އެ އިދާރާއިން މި އޮޕަރޭޝަން ހިންގީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ތިމަރަފުށީގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެންކަމަށެވެ.

އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗްކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތުދީފައިވާކަންވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.