ޚަބަރު

"ނިހާންގެ ރޮލެކްސް ގަޑިއާއި އެޕާޓްމަންޓުވެސް ދައުލަތަށް ނަގަން ވަނީ އެދިފައި"


އެކިއެކި ކުށްކޮށްގެން ލިބިގަނެފައިވާ މުދަލާއި ފައިސާގެ މައްސަލަތަކުގެ ތެރެއިން އަނބުރާ ދައުލަތަށް ނަގުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅުއްވާފައިވާ ތަކެތީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާނު ހުސައިން މަނިކުގެ އެޕާޓްމަންޓަކާއި އޭނާއަށް ނިސްބަތްވާ ރޮލެކްސް ގަޑިއެއްވެސް ހިމެނިއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލް ޙުސައިން ޝަމީމް ކުރައްވާފައިވާ ޓްވީޓަކުންނެވެ. ޝަމީމްގެ ޓްވީޓެއްގައިވަނީ މަނީ ލޯންޑަރިންއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މުދަލާއި ދައިސާގެ ތެރެއިން ދައުލަތަށް ނަގަންޖެހޭކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މިހާތަނަށް އެދިފައިވާ ބައެއް ތަކެތީގެ ތަފްސީލް ހާމަކުރައްވާފައެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ 10،011،889.20 ރުފިޔާއާއި މަނީ ލޯންޑަރިން މައްސަލަތަކުގައި ހިމެނޭ 70،740،291 ރުފިޔާއާއި ލަގްޒަރީ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް، ދައުލަތަށް ނެގުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެދިވަޑައިގެންފައި ވާނެކަމަށް ޕީޖީ ޙުސައިން ޝަމީން ވިދާޅުވެފައިވެއެވެ.

ޕީޖީ ވިދާޅުވެފައިވާ ލަގްޒަރީ އެޕާޓްމެންޓާއި ރޮލެކްސް ގަޑިއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކަށް ނިސްބަތްވާ ތަކެތިކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެއީ ރިޝްވަތުގެ ތެރެއިން ނިހާނު ހޯއްދަވާފައިވާ ތަކެތިކަމަށް ޕީޖީން ތުހުމަތުކުރައްވައެވެ.

މި ތުހުމަތުތައް ނިހާންގެ މައްޗަށް ކުރައްވައި އޭނާގެ މައްޗަށް ދަޢުވާކުރައްވަންވެސް އޮތީ ނިންމަވާފައެވެ. ޕީޖީ އޮފީހުން ވިދާޅުވެފައިވާގޮތުގައި ނިހާނުގެ ލަގްޒަރީ އެޕާޓްމެންޓާއި ރޮލެކްސް ގަޑިއަކީވެސް ރިޝްވަތުގެ ގޮތުގައި ހޯއްދަވާފައިވާ ތަކެއްޗެވެ. އޭގެތެރއިން އެޕާޓްމަންޓް ބައްލަވައިގަތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުން ރިޝްވަތުގެ ގޮތުގައި ހޯއްދެވި ފައިސާ ލޯންޑާ ކުރައްވައިގެންކަމަށާ، ރޮލެކްސް ގަޑި ހޯއްދެވީ މަޖިލީހުގެ ވޯޓަކާ ގުޅިގެން އަދީބުގެ އަތްޕުޅުން ރިޝްވަތުގެ ގޮތުގައިކަމަށްވެސް ޕީޖީން ތުހުމަތުކުރައްވާފައިވެއެވެ.

މަނީ ލޯންޑަރިންއާއި ކޮރަޕްޝަންގެ ތުހުމަތުގައި ނިހާންގެ މައްޗަށް ދައުލަތުން 6 ދައުވާއެއް ކުރައްވައެވެ.