ޚަބަރު

ތިނަދޫ ޒުވާނުންގެ ޚާއްސަ ހަދިޔާއެއް ލޯފަން ކުދިންނަށް


ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ތިނަދޫ ޒުވާނުންގެ ފަރާތުން ދޭ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ޕޮލިޓެކްނިކުން ޚާއްސަ ކޯހެއް ހިލޭ ހިންގައިދޭގޮތަށް ހަމަޖައްސައިފިއެވެ.

މިކޯހުގެ ކަންކަން ހަމަޖެއްސީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ލައިވް ކޮމެންޓްރީ ދިވެހިބަހުން ގެނެސްދިނުމަށް "ތެނަދޫ ޔޫރޯ ފޯރި" މިނަމުގައި ކްލަބު ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ޚާއްސަ ޙަރަކާތެއް ހިންގި، ގދ.ތިނަދޫ ޒުވާނުންނެވެ. މިއީ މުޅިން ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ކޯސް ހިލޭ ހިންގާގޮތަށް ހަމަޖެހިފައިވާކަމަށާ، މިކޯސް ވެގެންދާނީ ލޯފަން ކުދިންނަށް ޚާއްސަކޮށްގެން އެކުދިންނާ ގުޅޭ ގޮތަކަށް ކުރިއަށްގެންދާ އެކުދިން ބޭނުންވާ ކޮންމެވެސް ދާއިރާއެއްގެ ކޯހަކަށް ކަމަށް ޕޮލިޓެކްނިކުގެ ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވިއެވެ. އަދި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ބަޔަކަށް މިފަދަ ފުރުސަތެއް ފަހިކޮށްދެވުމަކީ އެމުއައްސަސާއިން އުފާކުރާކަމެއްކަމަށާ، މިއީ މުހިންމު އަދި އެޙާމެ ކާމިޔާބު ކަމަކަށް ވެގެންދާނެކަމަށްވެސް އަޙްމަދު ނާޞިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޢާއްމުކޮށް ލޯފަން ކުދިންނަކީ ވަރަށް ވިސްނުންތޫނު ދަސްކުރުމުގެ ބާރު ގަދަ ބައެއްކަން ފާހަގަކުރެވޭކަމަށާ، އެހެންކަމުން އެކުދިންނަށް ކިޔެވުމުގެ ފުރުސަތެއް ފަހިވުމާއެކު އެރޮނގަކުން ކާމިޔާބު ހޯދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މިފުރުސަރު ފަހިކޮށްދިން "ތެނަދޫ ޔޫރޯފޯރި" ޓީމުން ބުނީ އެމީހުން ފެށި މަސައްކަތަކީ ލޮލުގެ ފެނުން މަޙްރޫމްވެފައިވާ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ޔޫރޯގެ މެޗްތަކުގެ ލައިވް ކޮމެންޓްރީ ވަގުތުން ގެނެސްދިނުންކަމަށެވެ. އެހެންނަމަވެސް ކާމިޔާބުކަމާއެކު އެކަން ނިމިގެންދިޔައިރު، މިއީ އެއަސްވުރެ މާ ފުޅާ ކާމިޔާބު މަސައްކަތަކަށްވެފައިވާކަމަށެވެ. މިކަން ނިމިނިގެންދާއިރު، ލޯފަންކުދިންގެ މުސްތަޤުބަލަށްވެސް ފައިދާކުރާނެ މުހިންމު ހަދިޔާއެއް އެކުދިންނަށް ދިނުމަކީ ތިނަދޫ ޒުވާނުންގެ މަޤުސަދުތަކަށް އެޓީމުން ބުންޏެވެ. އަދި ޕޮލިޓެކްނިކް މެދުވެރިވެގެން އެކުދިންނަށް ހަމަޖެހުނު ކޯހަކީ ފައިދާހުރި މުހިންމު ހަދިޔާއަކަށް ވާނެކަމަށް ޔަޤީންކުރާކަމަށްވެސް ތިނަދޫ ޒުވާނުން ބުނެއެވެ.

މިކޯސް ހިންގާ ފަރާތާ ކުދިންނާ ގުޅުވައިދީ އެކަންކަމުގެ އެންމެހައި އިންތިޒާމުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ލޯފަން ކުދިންގެ ޙައްޤުގައި މަސައްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް" މެދުވެގެންނެވެ.