ޚަބަރު

ޑި ޕޯލް އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި


އާޖެންޓީނާގެ މިޑްފީލްޑަރ ރޮޑްރިގޯ ޑި ޕޯލް ސްޕެނިޝް ލަލިގާގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިޓާލިއަން ސެރީއާގެ އުދިނޭސީއަށް ކުޅުމަށްފަހު ޑި ޕޯލް އެޓްލެޓިކޯއަށް ސޮއި ކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޑި ޕޯލްވަނީ މީގެ ކުރިންވެސް ލަލީގާގައި ކުޅެފައެވެ. އެއީ 2014ން 2016އަށް ވެލެންސިއާއަށެވެ. ސްޕެއިންގެ މީޑިއާތަކުން ހާމަކުރާގޮތުގައި ޑި ޕޯލްގެ ޓްރާންފަރ ފީ އުޅެނީ 35 މިލިއަން ޔޫރޯގައެވެ.

ޑި ޕޯލް ބުނި ގޮތުގައި ލަލީގާގެ ޗެމްޕިއަނުންނާއި ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިއާއެކު ބޮލުގައި އެޅޭ ޒިން ބޮޑުވާނެކަން އެނގޭކަމަށާއި މިއީ އޭނާގެ ކެރިއަރުގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި އޭނާ ބުނެފައިވެއެވެ.

އެޓްލެޓިކޯއިން ބުނި ގޮތުގައި ޑި ޕޯލްއަކީ މެދުތެރެއިން ވަރަށް ވަރުގަދައަށް ކުޅޭ ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ ހަމަލާގައި ބައިވެރިވެ ލަނޑު ޖެހުމުގެ ހުނަރުވެސް ހުރި އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގައިވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއްކަމަށެވެ.