ތަޢުލީމު

އިސްލާމިކް ޔުނިވަރސިޓީގައި އަންނަ އަހަރު އީ- ލާރނިންގ ފަށަނީ




ދިވެހިރާއްޖޭގެ
އިސްލާމިކް ޔުނިވަރސިޓީގައި ޤާއިމުކުރާ ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމާއެކު,
އެޔުނިވަރސިޓީއިން އަންނަ އަހަރު އީލާރނިންގގެ ޚިދުމަތް ފަށްޓަވާނެކަމަށް އިސްލާމިކް
ޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.



އިސްލާމިކް ޔުނިވަރސިޓީގައި
މިފަދަ ސިސްޓަމެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މެލޭޝިޔާގެ އޯޓޫޔޫ
ސޮލިއުޝަން އާއެކު މިއަދު ވަނީ ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި އިސްލާމިކް
ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލީ ރަޝީދެވެ. އޯޓޫޔޫ ސޮލިއުޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސޭލްސް މެނޭޖަރ ޑެބީ ޗަންއެވެ.





ދިވެހިރާއްޖޭގެ
އިސްލާމިކް ޔުނިވަރސިޓީގައި މެނޭޖްމަންޓް ސިސްޓަމް ޤާޢިމުކުރުމުގެ
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ޑެޕިއުޓީ
ވައިސް ޗާންސެލަރ އަލީ ރަޝީދު ވިދާޅުވީ ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމާއެކު އީލާރނިންގެ
ޚިދުމަތުގެ ދަށުން އެޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި
ތިބެގެން ކިޔޭވެނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ. އަލީ ރަޝީދު ވިދާޅުވީ މިިޚިދުމަތް
އަންނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އީލާރނިންގ
ގެ ޚިދުމަތް ފަށްޓާނެ ދާއިރާތަކެއް އެޔުނިވަރސިޓީން އަދި ކަނޑައަޅުއްވާފައެއްނުވެއެވެ.



އަލީ ރަޝީދު
ވިދާޅުވީ ދަރިވަރުންނަށް ދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތެއްގައި
ދިނުމުގެގޮތުން ޤާއިމުކުރާ މިސިސްޓަމް މެދުވެރިކޮށް އީލައިބްރަރީއާއި، ކޯސްތަކަށް
ރަޖިސްޓްރީވުމާއި، އިތުރު ޕޯޓަލްތަކާއި، ކުރިއަށްއޮތްތާގައި ކޯސްތަކަށް
އޮންލައިކްކޮށް އެޕްލައިކުރުމާއި ފީ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.





އޯޓޫޔޫ
ސޮލިއުޝަންގެ ސޭލްސް މެނޭޖަރ ޑެބީ ޗަން ވިދާޅުވީ މިމަޝްރޫޢުއަށް އެކުންފުނިން
ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދާނެކަމަށެވެ.





މި ސިސްޓަމްގެ
ބޭނުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށްޓަކައި އަންނަ ޑިސެމްބަރު
މަހުގެތެރޭގައި އެކުންފުނީގެ ޓީމެއް އައިސް އަމަލީ މަސައްކަތް ފެށުމަށް ވަނީ
ހަމަޖެހިފައެވެ. ބަޖެޓްގެ ބޭރުން ސަރުކާރުން ހަމަޖައްސާފައިވާ މިމަޝްރޫޢުގެ ފުރަތަމަށް
އަހަރަށް ދެލައްކަ ފަނަރާހާހަށް ވުރެން ގިނަ ރުފިޔާ ޚަރަދުވެގެންދާނެކަމަށް
އިސްލާމިކް ޔުނިވަރސިޓީން ބުނެއެވެ.



އޯޓޫޔޫ
ސޮލިއުޝަންގެ ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމަކީ މެލޭޝިޔާގެ ބޮޑެތި
ޔުނިވަރސިޓީތަކުގެ އިތުރަށް އެސަރަޙައްދުގެ އެހެނިހެން ޔުނިވަރސިޓީތަކުގައިވެސް
ބޭނުންކުރަމުން އަންނަ ސިސްޓަމެކެވެ.



މިރަސްމިއްޔާތުގައި
ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު
ޝަހީމް އަލީ ސަޢީދު ވިދާޅުވީ އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި އިސްލާމިކް
ޔުނިވަރސިޓީއަށް ވަރަށް ބޮޑު ޢަދަދެއް ކަނޑައަޅާފައިވަކަމަށާ، މިއިން ދައްކައިދެނީ
މިސަރުކާރުން އިސްލާމީ ތަޢުލީމަށް ދޭ އަހައްމިޔަތުންކަންކަމަށެވެ. މިއާއެކު ރާއްޖޭގެ
އިސްލާމީ ތަޢުލީމު ވަރުގަދަވެ، ރާއްޖޭގައި އިސްލާމީ ތަޢުލީމު ޙާސިލްކުރުމުގެ މަގު ދަރިވަރުންނަށް
ފަހިވެގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.





ދައުލަތުގެ
ބަޖެޓްގައި ޚާއްސަ ބައެއްގެގޮތުގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށް
ވަނީ 75 މިލިއަން ރުފިޔާ ކަނޑައަޅާފައެވެެ.