ޚަބަރު

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ: ފައްޔާޒު


ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ވަރަށް އަވަހަށް ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޯށްދެއްވާ ވަހާކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިމަން ވޭޖް މަދުދުވަސްކޮޅެއްގެ ތެރޭގައި ކަނޑައެޅޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެއްކަމަށެވެ. އަދި މަސައްކަތްތެރިންނަށް ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމަކީ މުހިއްމުކަމެއްކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ކަނޑައެޅުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިނިމަމް ވެޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެވެސް މިއޮތީ އުނދަގޫ މަރުހަލާއެއްގައި. ނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް އެއް އިޢުލާން ކުރެވިގެން ދިއުން. ފުރަތަމަ ދެބަސްވުންތަކެއްވެސް ހުންނާނެ. އަލަށް ތަޢާރަފްކުރެވިގެން ދިއުމަކީ ކުރިއެރުންތަކެއް ލިބިގެންދާނެ. "މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒި އިސްމާއިލް ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބުނެފައިވާގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ދިރާސާކުރުމަށްފަހު، ގިނަވެގެން، 30 ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، މިނިސްޓަރު ނެރޭ އަމުރެއް މެދުވެރިކޮށް ކަނޑައަޅަންވާނެކަމަށެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރު ނެރޭ އަމުރުގައި، މުވައްޒަފެއްގެ މުސާރައިން ގަޑިއަކަށް ޖެހޭވަރާއި، މަސައްކަތުގެ ބަޔަކަށް ޖެހޭ ޢަދަދާއި، އިތުރުގަޑީގައި ލިބޭނެ މިންވަރު ކަނޑައަޅަންވާނެކަމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އަދި މީގެ އިތުރުން ވަކި މަސައްކަތެއްގައި ނުވަތަ ވަކި ދާއިރާއެއްގައި ހަރަކާތްތެރިވާ މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ވަކިން ބަޔާންކުރުމާއެކު، މިގޮތުން ކަނޑައަޅާ އުޖޫރައެއް ދިނުމުގައި ވަޒީފާދޭ ފަރާތްތަކުން އެ އަމުރަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ވަކި މުއްދަތެއް ނުވަތަ މުއްދަތުތަކެއް ކަނޑައަޅާފައިވާނަމަ، އެކަން ބަޔާންކުރަންވާނެކަމަށްވެސް ޤާނޫނުގައި ވަނީ ބުނެފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި 9 ދާއިރާއެއް ވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާއެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ދާއިރާއެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭގައި މުވައްޒަފުންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ބިލަކާއި ޓްރޭޑް ޔޫނިއަންގެ ބިލެއް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދު އިފްތިތާހްކުރި ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކުރުމަކީ ރަސްމީ ތަޢުލީމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ މީހުން އެ ވަޒީފާއަކަށް ބޭނުންވާ ހުނަރުތައް ހުރިތޯ ބަލާ އިމްތިހާން ކުރުމުގެ ފުރުޞަތު ދިނުމަށް އިފްތިތާހްކުރި މަސައްކަތެކެވެ.