ކުޅިވަރު

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލަކަށް ތަމޫހު އައްޔަންކޮށްފި


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލަކަށް ތަމޫހު އަޙުމަދު ސަޢީދު (ތަމޫ) އައްޔަންކޮށްފިއެވެ.

މީގެ ކުރިން މިމަގާ ފުރާފައިވަނީ އަހުމަރު މަރުޒޫގެވެ. މިދިޔަ މަހު ބޭއްވި އެމްއޯސީގެ އިންތިޚާބުގައި އެޖަމިއްޔާގެ ރައީސަކަށް އިންތިޚާބުވެފައި ވަނީ ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ)އެވެ. އެމްއޯސީގެ ސެކްރެޓްރީ ޖެނެރަލަކަށް ތަމޫހު އަހުމަދު ސައީދު އައްޔަންކޮށްފައި ވަނީ އިއްޔަގައި ބޭއްވި އޮލިމްޕިކް ކޮމެޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައެވެ. ތަމޫ އައްޔަންކޮށްފައި ވަނީ ހިންގާ ކޮމެޓީގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ހުސައިން ރަޝީދު (ހުސެން) ވަނީ އޮލިމްޕިކް ކޮމިޓީގެ ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފައެވެ. ތަމޫއަކީ ފާއިތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ ގޭމްސްތަކުގައި ރާއްޖެއިން ބައިވެރިވާ ޑެލިގޭޝަންގެ ކަންކަން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތެވެ. އެމްއޯސީގައި މިހާރުވެސް މަސައްކަތް ކުރަމުންދާ ތަމޫ ވަނީ އޮލިމްޕިކް ކޮމިޓީގެ ފަރާތުން ގިނަ ކަންކަމުގައި އަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ ކުރިން ތަމޫވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަކީކަން ވެސް ކޮށްފައެވެ.

ތަމޫގެ އިތުރުން ހުސައިން ރަޝީދު (ހުސެން) އޮލިމްޕިކް ކޮމިޓީގެ ފައިނޭންޝިއަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސާފައިވާއިރު، ނިމިގެންދިޔަ ދެ ދައުރުގައި ވެސް އެމްއޯސީގެ ހަޒާންދާރުގެ މަގާމް ފުރުއްވާފައިވަނީ ހުސެންނެވެ. ޓީޓީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނުގައި ވެސް މަސައްކަތް ކުރައްވާފައިވާ ހުސެއިން އަކީ ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސްގެ އިސްމަގާމެއްގައި މަސައްކަތް ކުރައްވަމުން އަންނަ ފަރާތެކެވެ.

ޓީޓީ އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަންގައި ވެސް މަސައްކަތްތަކެއް ކުރެއްވި ހުސެން އަކީ ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ކަންކަމުގެ އިތުރުން މާލީ ކަންކަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.