ޚަބަރު

ޕޯސްޓްމޯޓަމަށްފަހު ކުޑަކުއްޖާގެ ހަށިގަނޑު މާލެ ގެނެސް ޢާއިލާއާ ޙަވާލުކުރަނީ


މަރާލުމަށްފަހު ހުޅުމާލޭ ފޭސް 2ގެ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދުމަށްފަހު މާލެ ގެނެސްފިއެވެ. މި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށި ގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިޔައީ މިމަހުގެ 5ވަނަ ދުވަހުގައެވެ.

ފުލުހުން ވިދާޅުވީ ޕޯސްޓްމޯޓަމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެންސްފައިވަނީ މިއަދު މެންދުރުފަހުކަމަށާ ހަށގަނޑު އާއިލާއާ ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާކަމަށެވެ.

13 އަހަރުގެ މިކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް ފެނުނީ މިދިޔަ ޖޫންމަހުގެ 21ވަނަ ދުވަހުގެ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މިކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުން އައި.ޖީ.އެމް.އެޗަށް ގެންގޮސް ބައެއް ޓެސްޓުތައްވަނީ ހަދާފައެވެ. އަދި ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުން ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވީނަމަވެސް އަދި ރިޕޯޓު ހާމަކޮށްފައިނުވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން އާއިލާގެ ރުހުމާ ނުލާވެސް ތަހުޤީގުގެ ބޭނުމަށް ޕޯސްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އެެހެންނަމަވެސް މި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދީ އެ ކުއްޖާގެ އާއިލާގެވެސް ރުހުމާއި އެކުއެވެ.

މި ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް 2 ދިވެއްސަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ. މި މަރާއި ގުޅޭ އަދި މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

13 އަހަރުގެ މި ކުއްޖާގެ މަރާލުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުފުލިކަމަށް ޝަކުކުރެވޭ ޓެކްސީއެއްވެސް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.

މި ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ އެ ކުއްޖާގެ މޫނު ވަކިނުކުރެވޭވަރުކުރުމަށް މޫނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމަށް ފަހުކަމަށް އެނގިފައިވެއެވެ. އަދި އެކުއްޖާއަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށްވެސް އެެނގިފައިވެއެވެ.

މިރޭ މަޣުރިބް ނަމާދަށްފަހު މަސްޖިދުއް ތަޢާވުނު (އާސަހަރާ މިސްކިތުގައި) އެކުއްޖާގެ ކަށުނަމާދު އޮންނާނެއެވެ.