ފްލެޓް އިމާރާތްކޮށްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ޝަރީއަތް ނިމެދެން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ހައިކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭތީ އެނާ ހޯދުމަށް ސަރުކާރުން އިންޓަރޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް އޮތީ ނެރިފައެވެ. އަދި މީނާ ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.
ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ.
މީނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލްކޯޓުގައި ބޭއްވި އަޑުއެހުމުގައި އެކޯޓުން ވަނީ އެނާ ބަންދުން މިނިވަންކޮށްފައެވެ. މީނާއަކީ ކުރިންވެސް ފިލައިގެން އުޅުނު މީހެއްކަން ފާހަގަކޮށް އޭނާ ޝަރީޢަތަށް ޙާޒިރު ނުވެދާނެކަމާއި، ފިލައިގެން ދިއުމުގެ ބިރުވެސް އޮތްކަމަށް ދައުލަތުން ދަށުކޯޓްގައި ފާހަގަކުރިއެވެ. އެހެންނަމަވެސް
ޤާނޫނުގެ ރޫހަކީ މީހުން ބަންދުކޮށްގެން ގެންގުޅުން ނޫންކަމަށާއި، މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދެ ޝަރުތަކާއެކު ކްރިމިނަލްކޯޓުން ވަނީ އަޙްމަދު މޫސާ ބަންދުން ދޫކޮށްލާފައެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.
ދަށުކޯޓްގެ މި ނިންމުން ދައުލަތުން ހައިކޯޓްގައި އިސްތިއުނާފުކުރުން ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށް ޝަރީއަތް ނިމެންދެން އެނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އަޙްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.