ޚަބަރު

ޔޫއޭފާއިން އިނގިރޭސިވިލާތް ޖޫރިމަނާކޮށްފި


ޔޫރޯ 2020ގެ ސެމީ ފައިނަލުގައި އިނގިރޭސިވިލާތާއި ޑެންމާކު ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންކަންކަމުގެ ސަބަބުން ޔޫއޭފާއިން އިނގިރޭސިވިލާތުގެ ޤައުމީ ޓީމު ޖޫރިމަނާކޮށްފިއެވެ.

ޔޫއޭފާއިންވަނީ އިނގިރޭސިވިލާތާއި ޑެންމާކު ބައްދަލުކުރި މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1ން ނަތީޖާ އެއްވަރުވެގެންނެވެ. އެއާއެކު އެ މެޗުގައި އިތުރު ވަގުތުގެ 30 މިނެޓު ކުޅެފައިވެއެވެ. އިނގިރޭސިވިލާތުން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައިގެންނެވެ. އިނގިރޭސިވިލާތުގެ ކެޕުޓަން ހެރީ ކޭން ޖެހި ޕެނަލްޓީ ޑެންމާކުގެ ތަޖުރިބާކާރު ކީޕަރު ކެސްޕަރ ޝުމައިކަލް މަތަކުރި ނަމަވެސް ދެވަނަ ފަހަރަށްވެސް ބޯޅަ ލައްވާލާފައިވަނީ ކޭނަށެވެ. އޭނާ ޖެހި ލަނޑުން 2-1 މޮޅުވެ އިނގިރޭސިވިލާތްވަނީ 55 އަހަރުފަހުން ބޮޑު މުބާރާތެއްގެ ފައިނަލަށް ގޮސްފައެވެ.

މެޗު ނިމުމާއެކު އިނގިރޭސިވިލާތާ ދެކޮޅަށް ބޮޑެތި ތުޙްމަތުތަކެއް ކުރެވުނެވެ. އެ ގޮތުން ޕެނަލްޓީ ލިބުނު ވަގުތު ދަނޑުގައި ދެވަނަ ބޯޅައެއް އޮތުމާއި ޕެނަލްޓީ މަތަކުރަން ޝުމައިކަލް މަސައްކަތްކުރަނިކޮށް އޭނާގެ މޫނަށް ލޭޒަރ އެޅުވި މައްސަލައެއްވަނީ ފެންމަތިވެފައެވެ. އޭގެ ތެރެއިން ޔޫއޭފާއިން ބަލާފައިވަނީ ލޭޒަރ އެޅުވި މައްސަލައެވެ. އެ ގޮތުން ޔޫއޭފާއިންވަނީ އެ މައްސަލަ ބެލުމަށްފަހު 30،000 ޔޫރޯއިން އިނގިރޭސިވިލާތް ޖޫރިމަނާކޮށްފައެވެ.

ޔޫއޭފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ ކުޅިބެލުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށާއި އެ ކަމުގެ ޒިންމާ އިނގިރޭސިވިލާތުގެ ފުޓުބޯޅަ އެސޯސިޔޭޝަނުން ނަގަންޖެހޭނެކަމަށެވެ.