ވިޔަފާރި

އައިޓީ ދާއިރާއަށް ޚާއްސަ ލޯނުތަކެއް ތަޢާރަފް ކުރަނީ


މުސްތަޤްބަލްގައި ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯންތަކުގެ ތެރޭގައި އައިޓީ ސެކްޓަރއަށް ހާއްސަކޮށްގެން ލޯންތައް ހިމަނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ކިކްސްޓާޓުގެ ދެ ވަނަ ހެކަތޯން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިފަދަ މުބާރާތްތަކުން ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ފެންނަމުން ދާކަމަށާއި އެފަރާތްތަކަށް އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަަމުގައެވެ.މި ހެކަތޯނުން އެއްވަނަަ ހޯދާފައިވަނީ "ޓެކްސްޓް ޓު ސްޕީޗް" އެޕެވެ. މި އެޕަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި އެޕަކަށްވާނެ ކަމަށް މި އެޕް ފަރުމާކުރި ފަރާތުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން އީ-ގަވަމެންޓްގެ ސިސްޓަމްގެ ތެރެއިން އެންމެ އުފެއްދުންތެރި އެޕަކަށްވެސް ހޮވިފައިވަނީ ޓެކްސްޓް ޓް ސްޕީޗް އެވެ.މި ހެކަތޯނުން ދެވަނަ ލިބިފައިވަނީ ޑޮކްޓަރުންގެ މައުލޫމާތު ލިބޭ "ކޮން ޑޮކް" އެޕަށެވެ. އަދި ތިން ވަނަ އެޕަކަށް ހޮވުނީ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އެކަމަށް އެދޭ "ޑީޑްސް" އެޕަށެވެ.މި މުބާރާތުގެ އެއްވަނައަށް 25،000 ރުފިޔާ ދިން އިރު ދެވަނަ އެޕަށް 10،000 ރުފިޔާ ދީފައިވެއެވެ. އަދި ތިންވަނަ އަށް ހޮވުނު އެޕަށް 5000 ރުފިޔާވަނީ ދީފައެވެ.މި ހެކަތޯނަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ކިކްސް ސްޓާޓުން މަޢުލޫމާތުދެއެވެ. ނޭޝެނަލް އާޓް ގެލަރީގައި މެދުކެނޑުމެއްނެތި ސައުވީސް ގަޑިއިރަށް ކުރިއަށްދިޔަ މި ހެކަތޯންގައި ފަންސާހަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. ކިކްސްޓާޓުން މި ދިޔަ އަހަރު ބޭއްވި ފުރަތަމަ ހެކަތޯނުން އެެއްވަނަ އަށް ހޮވިފައިވަނީ ލޭހޯދަން ފަސޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ "ވިންދު" އެޕެވެ.ހެކަތޯނަކީ ގިނަ އަދަދެއްގެ ޑިވެލޮޕަރުން އެއްތަނަކަށް އެއްވެ، ކަނޑައަޅާފައިވާމުއްދަތެއްގެ ތެރޭގައި ތަފާތު ސޮފްޓްވެއާތަކާއި އެޕްލިކޭޝަންތައްއުފެއްދުމަށް ބާއްވާ ހަރަކާތެކެވެ.