ސިޔާސީ

ރާއްޖެއަށް ދަތިކުރުމަށް ގޮވާލުން ބަލައެއް ނުގަނެވޭނެ- ސަރުކާރު


ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ ބޭރުގެ ފަރާތްތަކުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިންޒާރު ދެމުންދާތީ ސަރުކާރުން މިކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވަނީ ސަރުކާރުގެ ވަކި ބަޔަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ފޮރިން އޮފިހަށާއި ކޮމަންވެލްތްގެ އޮފީހަށް ލިސްޓެއް ހުށަހަޅާފައިވާކަން ސަރުކާރަށް އެނގިވަޑައިގެންފައިވާ ކަމަށާއި މިއީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.ރާއްޖޭގައި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެ ބޭރުގެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މިއީ ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިކުރުމުގެ ބޭނުމުގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ. އަދި ކުރީގެ ރައީސް ނަޝީދަކީ ސިޔާސީ ކުށްވެރިއެއް ކަމަށް ބޭރުގެ ފަރާތްތަކުން ސިފަކުރުމަކީ ސަރުކާރުން ބަލައިގަންނަނާނެ ކަމެއް ނޫން ކަމަށާއި ރައީސް ނަޝީދަކީ ސީރިއަސް ޖިނާޢީ ކުށެއް ސާބިތުވެފައިވާ ބޭފުޅެއްކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން އިސްތިޢުނާފަށް ހުށަހަޅައިގެން މި ޙުކުމް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ފުރުޞަތު ރައީސް ނަޝީދަށްވެސް ލިބިވަޑައިގެންފައިވާ ކަމަށާއި މި ފުރުޞަތު ބޭނުންކުރައްވައި ސިޔާސީ މަގު ޚިޔާރުކުރައްވައިގެން ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.މީގެ އިތުރުން، ރައީސް ނަޝީދު މިނިވަން ކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައްވެސް ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނުގައި ވަނީ ދޮގުކުރައްވާފައެވެ.ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޝާރުޢީ ނިޒާމުގެ ތެރެއިން ހިނގަމުންދާ މައްސަލައެއްގައި ވަކި ވަކި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ރާއްޖޭގެ ޝަރުޢީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްގެ ގޮތުގައި ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށެވެ.ރާއްޖޭގެ ޤާނޫނު އަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ ފަރުދަކަށްވެސް ލިބިފައިވާ އަސާސީ ޙައްޤެއް ކަމަށާއި މި ހައްޤު ނިގުޅައިގަތުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭގޮތުން ފާޑުކިއުމަށް ބޭރުގެ ފަރާތްތަކަށް ލިބިފައިވާ ޙައްޤުތަކަށް އިޙްތިރާމް ކުރާނެ ކަމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ. އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއާ ދޭތެރޭގައި އިންސާފާ ހަމަހަމަކަމާއެކު ކަންކަން ކުރުމަށްވެސް ސަރުކާރުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.