ޚަބަރު

އާއްމު ރޯގާގެ ބަލިތައް މިދިޔަ އަހަރަށްވުރެ މަދު: އެޗްޕީއޭ


ވޭތުވެދިޔަ އަހަރު ރިޕޯޓުކޮށްފައިވާ އާއްމު ބަލިތަކާ އަޅާބަލާއިރު މިއަހަރު ރިޕޯޓުކޮށްފައިވާ މިންވަރު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ،އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރާއި މިއަހަރު މިފަދަ ބަލިތައް މަދުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކޯވިޑް-19ގެ ސަބަބުން އަމިއްލަ ރައްކަލަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ އެކިބަލިތައް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އައިއިރު މަދުކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ. ކޮންމެ އަހަރެއްގެވެސް ވިއްސާރަ މޫސުމާ ދިމާކޮށް މަދިރި އާލާވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީގެ ކޭސްތައް އިތުރުވެއެވެ. އެހެންނަމަވެސް މިއަހަރުގެ މޭއިމަހުގެ ތެރޭގައި ޑެންގީގެ 12 މައްސަލަ އަދި ޖޫންމަހު ރިޕޯޓުކޮށްފައިވަނީ ޑެންގީގެ 7 މައްސަލަކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަރިދަފުސް ރޯގާޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންވެސް މިދިޔަ އަހަރަށްވުރެ މަދުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން މިއަހަރުގެ މޭއިމަހު 12216 ކޭސްއް ރިޕޯޓުކޮށްފައިވާއިރު ޖޫން މަހުވަނީ 5168 އަށް މިޢަދަދު ދަށްވެފައެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތްވެސް މިއަހަރުވަނީ މަދުވެފައެވެ. އެގޮތުން މޭއި މަހުގެ ތެރޭގައި މިފަދަ 1451 ކޭސް ރިޕޯޓުކޮށްފައިވާއިރު ޖޫންމަހު ރިޕޯޓުކޮށްފައިވަނީ 882 ކޭސްއެވެ.

އާއްމު ބަލިތައް ރިޕޯޓުކުރަމުންދާ ޢަދަދު މަދުވެފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އާއްމު ސާފުތާހިރުކަމަށް އިސްކަންދިނުމާއި ގެއިން ބޭރުގައި އުޅޭ އުޅުން މަދުކުރުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭއިންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަދި މިބަލިތައް ރިޕޯޓުކުރާ އަދަދު މަދުނަމަވެސް ރައްކާތެރިކަމަށް އަބަދުވެސް ފިޔަވަޅު އެޅުމަށް އެއެޖެންސީން އިލްތިމާސްކުރައްވައެވެ. އަދި ކޯވިޑް ފެތުރެމުންދާ މިދުވަސްވަރު ރޯގާގެ އަލާމާތެއް ނުވަތަ ހުމުގެ ޢަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކް ތަކަށް ދިޔުމަށްވެސް އެއެޖެންސީން އިލްތިމާސްކުރައްވައެވެ.