ޚަބަރު

އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި


އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ރާއްޖޭގެ ލީގު ޗެންޕިޔަން މާޒިޔާގެ ފަރިތަކުރުންތައް ފަށައިފިއެވެ.

އޭއެފްސީ ކަޕުގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުންވަނީ ބިޑުކޮށްފައެވެ. މާލެ ސަރައްހަދުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން މީގެ މަސް ދުވަސް ކުރިން އެޗުޕީއޭއިންވަނީ މާލެ ސަރައްހަދުގައި ކުޅިވަރު މުބާރާތްތައް ނުބޭއްވޭ ގޮތަށް ކަނޑައަޅައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައެވެ. ނަމަވެސް ކޯވިޑް-19ގެ ޙާލަތު ރަނގަޅުވުމުން ކުޅިވަރު ކުޅޭ ތަންތަން ހުޅުވުމުގެ ޙުއްދަ އެޗުޕީއޭއިންވަނީ ދީފައެވެ. ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ޙުއްދަ އަދި ނުދިން ނަމަވެސް އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިންވަނީ ތައްޔާރުވާން ފަށައިފައެވެ. މާޒީޔާގެ ބިދޭސީ ކުޅުންތެއިންގެ ތެރެއިން ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ ޖަޕާނުގެ މިޑުފީލްޑަރު ޓަކާޝީ އޮޑޮވާރާ އެކަންޏެވެ.

އޭއެފްސީ ކަޕަށް މާޒިޔާއިން ތައްޔާރުވުމުގެ ގޮތުން ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިންވަނީ އެ ޓީމަށް މޮޅެތި ކުޅުންތެރިންތަކެއް ގެނެސްފައެވެ. ރާއްޖޭގެ ޓީމުތަކުގެ ތެރެއިން މާޒިޔާއަށް ފުރުސަތު ލިބިފައިވަނީ ގުރޫޕު ޑީންނެވެ. އެ ގުރޫޕުން ރާއްޖޭގެ ކުލަބު އީގަލްސަށްވެސް ފުރުސަތު ލިބިދާނެއެވެ. އޭއެފްސީ ކަޕުގެ ޕުލޭއޮފުގައި އީގަލްސާ އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕުގެ ގުރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ. އެ ގުރޫޕުގައި ދެން އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާނާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސެވެ.

އޭއެފްސީ ކަޕުގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕުގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ބިޑު ކޮށްފައިވަނީ އެއްވެސް ގައުމަކުން މެޗްތައް ބޭއްވުމަށް ބިޑު ނުކޮށްފިނަމަ ގުރޫޕުގެ މެޗުތައް ކެންސަލް ކުރުމުގެ ފުރުސަތު އޮތުމުންނެވެ. އެފްއޭއެމުގެ ރައީސް ބައްސާމު އަދީލް ޖަލީލް ވިދާޅުވީ ރާއްޖެއިން މެޗުތައް ބޭއްވުމަށް ބިޑު ކުރީ ރާއްޖޭގެ ކުލަބުތަކަށް ލިބޭ ގެއްލުމަށް ބެލުމަށްފަހުކަމަށެވެ. އެ ގޮތުން އެ ކަމުގެ ސަބަބުން މާޒިޔާއާއި އީގަލްސަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭއެފްސީންވަނީ ގުރޫފްގެ މެޗުތައް ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ.

މާލޭގެ ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ދިރާގު ދިވެހި ޕުރިމިޔަރ ލީގުގެ ތިންވަނަ ބުރު ނުކުޅެ ފުޓްބޯޅަ ސީޒަންވަނީ ކުރުކޮށްލައިފައެވެ. އެއާއެކު އެފްއޭ ކަޕާއި ޕުރެޒިޑެންޓްސް ކަޕުވެސް ނުބާއްވާ ގޮތަށް އެފްއޭއެމުންވަނީ ނިންމައިފައެވެ.