ޚަބަރު

މުލިއާގެ ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު، މުލިއާގެއަށް ޙަމަލާ ދޭނެކަމަށް ބުނެ އިންޒާރުދިން މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

އިއްޔެ މުލީއާގެ ކައިރިއަށްގޮސް ދެމީހަކު ވަނީ އެމީހުން އެވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފައެވެ. އަދި އެތަން ގޮއްވާލާނެކަމަށް ބުނުމާއެކު ސަލާމަތީ ބާރުތަކުންވަނީ އެމީހުން ހައްޔަރުކޮށްފައެވެ. އެންމެ ފުރަތަމަ މި ދެމީހުން ހިފެހެއްޓީ މުލިއާގޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނެވެ. އަދި ވަގުތުން ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ އެ ސަރަހައްދަށްގޮސް، އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެމީހުން ބަލައި ފާސްކޮށް ދެ މީހުން ހައްޔަރުކޮށްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ފޮށިގަނޑުގައި ބޮމެއްއޮތްކަމަށް ބުނި މީހާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. ނަމަވެސް އެމީހުންނާބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.