ޚަބަރު

ރައިވެރިބޭގެ މައިޒާން މާދަމާ ހުޅުވަނީ


މާލޭ ދެކުނު ފަރާތު ހާބަރު ސަރަޙައްދުގައި ތަރައްޤީކުރައްވާފައިވާ "ރައިވެރިބޭ މައިޒާން" ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުން އެބަގެންދަވައެވެ. މާލޭ ދެކުނު ފަރާތުގައި، ހޮޓާރެސްޓޯރަންޓްތައް ހުންނަ ސަރަޙައްދުގައި ތަރައްޤީކުރައްވާފައިވާ ރައިވެރިބޭގެ މައިޒާން މާދަމާ ހުޅުއްވާނެ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި މައިޒާނަކީ ހައުސިންގ މިނިސްޓްރީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް، މަސީން ޚަރަދުކުރައްވައިގެން ހައްދަވާ މައިޒާނެކެވެ. ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ހަވީރު މައިޒާނަށް ޒިޔާރަތްކުރައްވައި އެތަނުގައި ކުރިއަށްދާ ކުލަލުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި. އެއަށްފަހު ޕީ.އެސް.އެމާ ވާހަކަދައްކަވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މި މަސައްކަތްތަށް ހަތަރު މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ.މި ޕާކަށް ރައިވެރިބޭ މައިޒާންގެ ނަމުން ނަން ދެއްވުމަށް ނިންމެވީ، މާލޭގެ ދެކުނު ފަރާތަކީ އަލިރަސްގެފާނާއެކު ރައިވެރިބޭ ކުރެއްވި ޖިހާދު ކުރިއަށްދިޔަ ސަރަޙައްދު ކަމުގައިވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މައިޒާން ހުޅުވުއްވުމަށްފަހު، ހާބަރުގައި ހުރި ހޮޓާ ރެސްޓޯރެންޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން އެތަންތަން އެއް ޑިޒައިނަކަށް ތަރައްޤީ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.