ސިޔާސީ

މަޖިލިސް އިންކުއަރީ ރިޕޯޓް ވަރަށްވެސް ފުރިހަމަ: ރައީސް ނަޝީދު


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓަކީ ވަރަށް ފުރިހަމަ ރިޕޯޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެއިމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓަކީ މިފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއްކަމަށެވެ. އަދި ކޮމެޓީގެ މުޤައްރިރާއި، މެންބަރުންނާއި، މަޖިލީހުގެ ސްޓާފުންނަށް ރައީސް ނަޝީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިސް ތަފާތުވާނެކަމަށެވެ.


ރައީސް ނަޝީދަށް ދޭ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ ވޯޓުންނެވެ. މިރިޕޯޓުގައި ރައީސް ނަޝީދަށް ޙަމަލާދިން ގޮތް ހިމެނުމުގެ ގޮތުން އެމަނިކުފާނުގެ ޕްރޮފައިލަކާއި، ތްރެޓް ލެވަލް އޮތް މިންވަރުގެ އިތުރުން ތްރެޓް ހިސްޓްރީއާއި، އިންކުއަރީން ބެލި ކަންކަން ވަނީ ހިމަނާފައެވެ.

އެގޮތުން ރައީސް ނަޝީދަށް ހަމަލާދިން ވަގުތު ކަންހިނގާފައިވާ ގޮތާއި، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަޚަމްތަކާއި، ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާއި، ރައީސް ނަޝީދަށް ހަމަލާދިން ދުވަހު ކަންހިނގާފައިވާ ގޮތާއި، ހަމަލާދިނުމަށްފަހު ކަންހިނގާފައިވާގޮތާއި، އޭޑީކޭ ހޮސްޕިޓަލުގެ ފާޚާނާއެއްގެ ތެރެއިން ފެނުނު ފިސްތޯލައާއި ގުޅޭ 4 ކަމަކާއި، އިންޓެލިޖެންސް މައުލޫމާތު އެއްކުރުމާއި، އެމައުލޫމާތު ޙިއްސާކޮށްފައިވާ ކަންކަން މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ހުށަހެޅުންތަކަކީ ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑި އިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މައްސަޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.