ޚަބަރު

ރާއްޖޭގެ މޫސުން ވަރަށް ގޯސް، ދަތުރުކުރާއިރު ސަމާލުވޭ!


ކުރިއަށް އޮތް 48 ގަޑިއިރުގައިވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރުކުރަމުން އަންނަ މޫސުމީ ވިއްސާރައިގެ ބާރު މިހަފްތާ ބަންދު ތެރޭގައި ގަދަވާނެކަމަށް މީގެކުރިންވެސް އެއިދާރާއިންވަނީ ލަފާކުރައްވާފައެވެ.

މެޓު އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިކަމަށެވެ. އެގޮތުން ހއ.އިން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށް މިހާރުވަނީ ޔެލޯއެލާޓްވެސް ނެރެފައެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު މިވަގުތުގެ ތެރޭގައި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައެރުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި މެޓު އޮފީހުން ވިދަޅުވެއެވެ.

މެޓު އޮފީހުން ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމެއްކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އުތުރާ މެދު ރާއްޖޭގެ ކަނޑުތަކުގެ ރާޅުތަކުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ 5 ފޫޓާއި 8 ފޫޓާ ދެމެދުގައެވެ. އަދި ދެކުނުގެ ކަނޑުތަކުގައި 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.

އަދި މިދުވަސްވަރަކީ ޢީދު ޗުއްޓީއާއިއެކު ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެއްކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. އަދި ބޯކޮށްވާރޭ ވެހި ފެންބޮޑުވުމާއި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާކަމެއްކަމުން ގެއަށް ފެން ވަދެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަމާލުވުމަށްވެސް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.