ސިޔާސީ

ބޮމުގެ ހަމަލާގެ ތަޙްޤީޤަށް ރައީސް ކަނޑައެޅުއްވި ޚާއްސަ މަންދޫބު ބަންޑާރަނައިބާ ބައްދަލުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލެއްވުމަށް ދިން ޓެރަރިސްޓް ހަމަލާ ތަޙްޤީގުކުރުމުގެ މަރުހަލާ ހިނގައި ގޮތް ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އައްޔަން ކުރެއްވި އައްބާސް ފާއިޒް، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތާ ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަަރިސްޓް ހަމަލާގެ ތަޙްޤީޤުގެ ކަންކަން ކުރިއަށްދާގޮތާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިޙާދިސާގެ ތަޙްޤީޤަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަނުކުރެއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް، މި ތަޙްޤީޤުގެ ކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމަށް ދިވެހިރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 3ވަނަ ދުވަހުއެވެ.

ބަންޑާރަ ނައިބުގެ އިތުރުން އައްބާސް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއާއިވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ 241 ކޮމެޓީގެ މެންބަރުންނާވެސް އޭނާވަނީ ވަރޗުއަލްކޮށް ބައްދަލުކުރައްވާ، ތަޙްޤީޤުގެ ކަންކަން ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައިވަނީ މެއިމަހުގެ 19 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެއެވެ.

އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ. އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤިގުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހަމަލާގެ ތަހުޤީޤަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.