ވިޔަފާރި

މީރާއަށް ދައްކަންޖެހޭ ބައެއް ޓެކްސްތަކާއި ފީތަކުގެ ސުންގަޑި ފަސްކޮށްދީފި


މީރާއަށް ދައްކަންޖެހޭ ބައެއް ޓެކުސްތަކާއި ފީތަކުގެ ސުންގަޑި ފަސްކޮށްދީފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވީ މިދިޔަ މޭ މަހުގެ 27ވަނަ ދުވަހުން ފެށިގެން މިމަހުގެ 10ވަނަ ދުވަހާއި ދެމެދު އައިސްފައިވާ ނުވަތަ އަންނަ ސުންގަޑިތައް މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައިވާކަމަށެވެ.

ޓެކްސްގެ ސުންގަޑިތައް ފަސްކޮށްދީފައިވާއިރު، މީރާއިންވަނީ އެ އޮތޯރިޓީއަށް ދައްކަން ޖެހޭ ޓެކްސްއާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ޚިދުމަތް މީރާ ކަނެކްޓް އާއި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި މީރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައްވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އޮންލައިންކޮށް ޚިދުމަތްތައް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މީރާއިން އަންނަނީ މާލޭގައި ހުންނަ މީރާގެ ޓެކްސް ޕޭޔަރ ސަރވިސް ސެންޓަރާއި ހުޅުމާލޭ ކަލެކްޝަން ސެންޓަރު ހުޅުވައިގެން ޚިދުމަތް ދެމުންނެވެ. އެގޮތުން މީރާ ޓެކްސް ޕޭޔަރ ސާވިސް ސެންޓަރ ކިއު ނަމްބަރުތައް ދޫކުރަނީ ހެނދުނު 9:00 އިން މެނދުރު 1:00އާއި ހަމައަށެވެ.

މީރާއިން ވިދާޅުވީ ކިއު ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަނާއި "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ. އަދި އޮންލައިންކޮށް އެޕޮއިންޓްމަންޓް ނުހެއްދޭ ފަރާތްތަކަށް ގުޅައިގެން އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް މީރާއިން މަޢުލޫމާތުދެއެވެ.