ޚަބަރު

ކޮމަންވެލްތާއެކު ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރުން ތައްޔާރު


ކޮމަންވެލްތާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް އަލަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޕެޓްރީޝިއާ ސްކޮޓްލެންޑަށް މަރުޙަބާ ވިދާޅުވެ ފޮނުއްވާފައިވާ މެސެޖެއްގައެވެ.މި މެސެޖްގައި ދުންޔާ ވިދާޅުވީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިޚާބުވުމަކީ، ވަރަށް ވެސް އުފާވެރިކަމެއް ކަމަށާ މިއީ ދުނިޔޭގެ ހުރިހާ އަންހެނުންނަށް ވެސް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.ދުންޔާ ވިދާޅުވީ، އާ ސެކްރެޓަރީ ޖެނެރަލާއެކު ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކަށް ދިމާވަމުންދާ އެކިއެކި މައްސަލަތައް ކޮމަންވެލްތުގެ އެހެން ޤައުމުތަކުގެ ސަމާލުކަމަށް ގެނެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މިފަދަ މައްސަލަތައް ކޮމަންވެލްތުގެ އެޖެންޑާގައި ހިމެނެން ޖެހޭ ކަމަށެވެ.އަދި ކޮމަންވެލްތު ފަދަ މުހިއްމު ޖަމާޢަތަކާއެކު ރާއްޖެއިން ޤާއިމުކޮށްފައިވާ ގުޅުން މިހާރަށްވުރެ ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވިއެވެ.ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން މޯލާޓާގައި ކުރިޔަށް އެބަދެއެވެ.މާދަމާގެ ނިޔަލަށް ބާއްވާ މިސަމިޓުގައި ކޮމަންވެލްތުގެ 53 ޤައުމަކުން ދަނީ ބައިވެރިވަމުންނެވެ.