ކުޅިވަރު

55 އަހަރުފަހުން އިންގްލެންޑް ބޮޑު މުބާރާތެއްގެ ފައިނަލަށް


މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި އިންގްލެންޑްގެ ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުން ޑެންމާކް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އިންގްލެންޑުން ޔަގީންކޮށްފިއެވެ.
މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު 1 ލަނޑު 1 ލަނޑުން ދެ ޓީމްއެއް ވަރުވުމާއި ގުޅިގެން މެޗްގެ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކާމިޔާބުކޮށްދިން ޕެނަލްޓީއިން އެޓީމު ވަނީ 55 އަހަރުން ފަހުން ބޮޑު މުބާރާތެއްގެ ފައިނަލްގެ ޖާގަ ޔަގީންކޮށްފައެވެ.

އެންމެ ފަހުން އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅެފައި ވަނީ 1996ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައެވެ. ނޮކައުޓް މެޗެއް ވުމުން ދެ ޓީމުން ވެސް ދިޔައީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން. ނަމަވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ.

މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޑެންމާކުންނެވެ. މިލަނޑު މެޗްގެ 30ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑަމްސްގާޑެވެ. މިބޯޅަ ގޯލް ތެރެއަށް ވަދެފައި ވަނީ އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑްގެ އަތުގައި ޖެހިފައެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިފަހަރު ހިލޭ ޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ އިންގްލެންޑުގެ ގޯލަށް މިމުބާރާތުގައި ވަދެފައިވާ ފުރަތަމަ ގޯލެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް އިންގްލެންޑުން ވަރަށް ބޮޑަށް ކުރިއަރައިގެން މަސައްކަތް ކުރިއެވެ. އެގޮތުން ރަހީމް ސްޓާލިން ފޮނުވާލި ބޯޅަ ވަނީ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް މަތަކޮށްފައެވެ. އިންގްލެންޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޖެހި ލަނޑަކީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ސިމޯން ކިއޭ އަތުން ބައިކޮޅަށް މިލަނޑު ވަދެފައިވާއިރު، މިއީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބައިކޮޅަށް ވަދެއްފައިވާ 11ވަނަ ގޯލެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމުން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން އިންގްލެންޑް ފަހަތަށް ކުޅެމުން އަންނަ ޑިފެންޑަރު ހެރީ މެގުއާއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނުއިރުގައި ޑެންމާކްގެ ކެސްޕާ ޑޯލްބާގް އިންގްލެންޑްގެ ގޯލާއި ދިމާ ފޮނުވާލި ބޯޅަ ވަނީ ކީޕަރު ޕިކްފޯޑް މަތަކޮށްފައެވެ. އިންގްލެންޑުން އެޓީމްގެ މެދުތެރެ ވަރުގަދަ ކުރުމުގެ އިތުރުން އެޓޭކްތައް އިތުރު ކުރުމަށް ވަނީ ޖެކް ގްރީލިޝް ކުޅެން އަރުވާފައެވެ. މިއާއެކު އިންގްލެންޑުން ބޯޅަ ހިފަހައްޓައިގެން ގްރީލިޝްގެ އެހީގައި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުގައި، ދެ ޓީމުން ވެސް 1 ލަނޑު ޖަހާފައިވުމުން، ނަތީޖާ ނެރުމަށް ވަނީ 15 މިނެޓްގެ ދެ ހާފް ކުޅެފައެވެ.

މެޗްގައި ފުރަތަމަ ފަހަރަށް އިންގްލެންޑަށް ލީޑްނަގައިދިނީ 15 މިނެޓްގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައެވެ. މެޗްގެ 101ވަނަ މިނެޓްގައި އިންގެލްންޑަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަޓީއަކުން ކެޕްޓަން ހެރީން ކޭންއެވެ. މިއީ ރަހީމް ސްޓާލިންއަށް ޑެންމާކްގެ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އެންމެ ފުރަތަމަ ކޭން ފޮނުވާލި ބޯޅަ ކީޕަރު ޝްމައިކަލް ދިފާއު ކުރިނަމަވެސް، ޝްމައިކަލް އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިބޯޅަ ކޭން ވަނީ ގޯލް ތެރެއަށް ވައްދާލާފައެވެ. ކޭން ވަނީ މި ފަހަރުގެ ޔޫރޯގައި މިހާތަނަށް ހަތަރު ގޯލު ޖަހާފައެވެ. ޑެންމާކް ކޮޅަށް ކޭން ޖެހި މިގޯލާއެކު ކޭން ވަނީ ބޮޑު މުބާރާތްތަކުގެ ތެރެއިން ޔޫރޯ އަދި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖަހައިގެން އިންގްލެންޑްގެ ކުރީގެ ފޯވާޑް ގެރީ ލިނެކާގެ ރެކޯޑާ ހަމަކޮށްފައެވެ. ލިނެކާ އާއި ކޭން ކޮންމެ ކުޅުންތެރިއަކު ވަނީ 10 ގޯލު ގައުމީ ޓީމަށް ޖަހައިދީފައެވެ.

މެޗްގެ އިތުރު ވަގުތުގެ ދެވަނަ ހާފްގައި ޑެންމާކުން ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެޓީމަށް ވަނީ އިންގްލެންޑްގެ ގޯލް ދެވަނަ ފަހަރަށް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. އިންގްލެންޑުން ފައިނަލް މެޗުގައި ވާދަކުރާނީ ސްޕެއިން ބަލިކޮށް ފައިނަލަށް ދަތުރުކުރި އިޓަލީއާއި ދެކޮޅަށެވެ.